English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފިއެވެ.

އެކަމަށް ޚާއްސަކޮށް މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި ރަސްމިއްޔާތެއްގައި އެމީހުން ކަނޑައަޅާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ގުރު ނަގައިގެންނެވެ. ގުރުއަތު ނަގާފައިވަނީ 1446ވަނަ އަހަރު ދަޢުލަތުގެ އެހީގައި ޙައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 10 މީހުންނެވެ.

ފަޤީރުންނަށް ޙައްޖުވުމުގެފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފަވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. އެ އަހަރު ވަނީ 50 މީހުން ދައުލަތުގެ ހަރަދުގައި ފޮނުވައިފަ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ. މިއަދު ގުރު ނެގީ އެ އެންމެންގެ މެދުގަ އެވެ.

ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއަޒުގެ ރިޔާސީ ވަޢުދެކެވެ.