ދެބައޮޑުވުމާއި، އީބަބުނުމާއި، ދޮގުވާހަކަތަކާއި، ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުމަކީ މާތްﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
“ރޯދައިގެ ހިކުމަތް”، މި މައުޟޫއުގެ މައްޗަށް ހާއްސަކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ މާތް ﷲ ހަރާންކުރައްވާފައިވާ މިކަންކަމަކީ މިއަދު ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކުރާ ކަންކަން ކަމަށެވެ. ހުތުބާގައި ބުނީ މާތްﷲ އެކަލާނގެ ޒާތުފުޅަށް ނިސްބަތް ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރެއިން އެއް ސިފަފުޅަކީ ހިކުމަތްވަންތަކަންކަމަށާއި އެކަލާނގެ އެންމެހައި ހުކުމްފުޅުތަކެއް ކަނޑައަޅުއްވައިފައިވަނީ، މަތިވެރިވެގެންވާ ހިކުމަތާއެކު ނުހަނު ފުރިހަމަ ގޮތުގައިކަމަށެވެ. މާތްﷲ ހަލްގުކުރެއްވި ކޮންމެ އެއްޗަކުން ވެސް އަހަރެމެންނަށް ފެންނަނީ، ހިކުމަތްވަންތަކަމުގެ އިންތިހާ ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މާތްﷲ ޝަރުއުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ހިކުމަތް ސަރީޙަކޮށް ބަޔާންކުރައްވައިފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ހިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވައިފައިވީ ނަމަވެސް އެކަލާނގެ އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ހިކުމަތަކަށްޓަކައި މެނުވީ، ޝަރުއުކުރައްވައިފައިނުވާކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
ރޯދައަކީ ﷲتَعَالَىގެ އަމުރުފުޅުތައް ގާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަންކަމުގައި ހުތުބާގައިވަނީ ފާހަގަކޮށްފައެވެ. ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް އިލްމުވެރީން ބަޔާންކުރައްވައިފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ ހުރިހާ ކަންކަމަކީ ވެސް ތަގުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމުގައެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ހަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ އަޒާބުން މިންޖުވުމަށްޓަކައި ހަލާލު ކާބޯތަކެއްޗާއި، އޭނާއަށް ހަލާލު ކުރައްވައިފައިވާ އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، އެކަލާނގެ ހަރާމްކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭކަމުގައެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ ރޯދައަށް ހުންނަ ހިނދު އިހްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާ، މިސްކީނުންގެ އިހްސާސްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ރިވެތި އަހްލާގީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ތާހިރުކޮށް ޒީނަތްތެރިކޮށްދޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި އީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި ހާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި މިއަދު މި ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކަން ފާހަގަކޮށް ހުތުބާގައި ބުނީ މިއީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިތާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުންކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އެގޮތުން ޝައިތާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދީ، ހެޔޮ އަމަލުތަކުގައި މީހާ މަޝްއޫލުކުރުވައި، ނުބައި އަމަލުތަކާ އޭނާ ދުރުހެލިކުރުވާ ކަމެއްކަމުގައި ހުތުބާގައިވަނީ ބުނެފައެވެ. އިތުރަށް ހުތުބާގައި ބުނީ ރޯދަ ފަރުޟުކުރެވުނު ހިކުމަތާއި، އޭގެ ފައިދާ ހާސިލުކުރެވޭނީ މާތްﷲ އެންގެވިގޮތަށް ރޯދަ ހިފައި، ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބައަވެގެންކަމަށެވެ.