English Edition
Dhivehi Edition

މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ ދިވެއްސެއް ކަމަށްވާ އަހުމަދު އުސައިދު އިބްރާހީމް އަފީފް މިހާރު ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އާއިލާއިން ބުނެފިއެވެ.

މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ އުސައިދު ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ހޯމަދުވަހުގައެވެ.

އުސައިދުގެ ބައްޕަ، އިބްރާހީމް އަފީފް އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވަނީ އޭނާގެ ދަރިފުޅު މިދިޔަ އާދިއްތަ ދުވަހުގެ 15:15ގެ ފަހުން ‘ސަންވޭ ޖީއޯ’އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން އެރޭގެ 22:00ގައި އެކަން ޕޮލިހަށް އެންގި ކަމަށެވެ. އަދި ހަމަ އެ ދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށާއި މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ވިދާޅުވެފައި ވެއެވެ. އަދި އެއީ ބަންދު ދުވަހެއްކަމުން އެމްބަސީގެ މީހަކާ އުސައިދާ ބައްދަލުވާގޮތް ނުވިކަން އޭނާގެ ބައްޕަ ވިދާޅުވެފައިވެއެވެ.

އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިހާރު އާއިލާއަށް އަންގާފައިވާ ކަމަށާއި މެލޭޝިއާ ފުލުހުން އަންގައިގެން އާއިލާ ވެސް މިހާރު ތިބީ އެ އިދާރާ އަށް ހާޒިރުވެފައި ކަމަށް ބައްޕަ އަފީފް ވިދާޅުވިއެވެ.

މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައި ވަނީ އިއްޔެގައެވެ. އެ މީހާ ހޯދުމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެ މައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދިފައި ވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އުސެއިދު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މެލޭޝިއާގެ ހޮޓަލެއްގެ ފަރާތުންނެވެ.