English Edition
Dhivehi Edition

އިއްޔެ ހަވީރުން ފެށިގެން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުން ގަޑިއަކު އެއްފަހަރު ކަރަންޓު ކެނޑެމުން ދާކަމަށާއި ކަރަންޓު ކެނޑޭނެކަމަށް ނޯޓިސް ދެމުން އަންނަ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ، މި ރަމަޟާން މަހު ވެސް އައްޑޫގެ އަވަށްތަކުން ގަޑިއަކު އެއްފަހަރު ކަރަންޓު ކެނޑޭ މައްސަލަ އާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކަރަންޓުގެ މައްސަލަ ރޯދައަށް ހައްލުކުރެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައި ވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހުއެވެ. އެހެންނަމަވެސް މައްސަލަ ހައްލުނުވެ ރޯދަ މަހު އަނެއްކާވެސް ހަމަ ކުރިއެކޭ އެއްގޮތަށް ގަޑި ބަހާލައިގެން އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ވަނީ ފަށާފައެވެ.

ރަމަޟާން މަސް ފެށެން ދެދުވަހަށް ވެފައިވަނިކޮށްވެސް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ އަދިވެސް ކަރަންޓު މައްސަލަ ހައްލުނުވާ ކަމަށާއި ރޯދައަށް ވެސް މައްސަލަ ދިގުދެމިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

މޭޔަރު ވިދާޅުވެފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަަކުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް ކަރަންޓުގެ މާލެއިން ގެނައި ޖެނެރޭޓަރުން ކަރަންޓު ދިން ނަމަވެސް، މިހާރު ވެސް ދެ ޖެނެރޭޓަރަކަށް ސްޕެއާ ނުލިބޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ބަނގުރޫޓުވެފައިވާ ކަމަށާއި، އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ދައުލަތުން ސީދާ ޚަރަދުކުރަން ޖެހޭ ކަމަށެވެ.

“ރޯދަ މަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ އަދި ހައްލެއް ނުވާނެ. ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް، ދައުލަތުން ހަރަދު ކޮށް މައްސަލަ ހައްލު ކޮށްދިނުން. ފެނަކަ ކުންފުނި ވަނީ ބަނގުރޫޓު ހާލަތުގައި.” ރޯދަމަސް ފެށެން އުޅެނިކޮށް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވެފައިވެއެވެ.

މޭޔަރު ވިދާޅުވެފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަަކުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް މާލެއިން ގެނައި ޖެނެރޭޓަރުން ކަރަންޓު ދިން ނަމަވެސް، މިހާރު ވެސް ދެ ޖެނެރޭޓަރަކަށް ސްޕެއާ ނުލިބޭ ކަމަށެވެ.

ރޯދަމަސް ފެށުމުގެ ކުރިންވެސް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ލެވެލްއެއްގެ ވެރީންނާއި ކައުންސިލުން ވަނީ ބައްދަލުކޮށްފައެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތަކާއި މިނޫންވެސް ބޭނުންވާ ތަކެތި އައްޑޫއަށް ގެންގޮސްފައެވެ.

އައްޑޫ އަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މީގެކުރިން ވަނީ، އެސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ވެސް ހާޒިރުކޮށްފައެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި އަޒާން ލިޔުއްވާފައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.

އައްޑޫ ފެނަކަ އޮފީހުގެ ސީނިއާ މުވައްޒަފުންނަށް ހަވާލާދީ އަޒާން ލިޔުއްވާފައި ވާގޮތުގައި އައްޑޫ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާ ޕާޓްސްތަކަށް އެދި ހެޑް އޮފީހަށް ރިކުއެސްޓުކުރިތާ އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ. ނަމަވެސް އޭގެތެރެއިން ނުލިބޭ ބައެއް ސަމާނު ހުރިކަން އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.