English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރު ހުމާ ސަލީމް ގުރެއިޝީ ގިނަ ބަޔަކަށް އެގިގެން ދިޔައީ އޭނާ 2017 ވަނަ އަހަރު ކުޅުނު މަޝްހޫރު ފިލްމު ޖޯލީ އެލް އެލް ބީ2 ކަށް ފަހުގައެވެ. އެހެން ނަމަވެސް ހުމާ ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަތާ 5 އަހަރު ވެފައިވާ އިރު އޭނާ ފިލްމީ ދާއިރާއަށް ނުކުތީ 2012 އަހަރު ރިލީޒްކުރި ގޭންގްސް އޮފް ވަސެއިޕޫރް އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ފިލްމުފެއާރ އެވޯޑްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑްވަނީ ލިބިފައެވެ. ހުމާ ވަނީ ފިލްމީ އިންޑަސްޓްރީގައި އޭނާގެ ނަން ހިފެހެއްޓުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. އެ ދުވަސްތައް ހަނދާންކުރަމުން ހުމާ ބުނެފައިވަނީ އޭނާއަށް ވަރަށް ގިނަ މީހުންގެ މަޝްވަރާއާއި އެހީތެރިކަން ދާއިރާގައި ހަރަކާތްތެރިވާންފެށި ފުރަތަމަ ދުވަސްކޮޅުގައި ލިބިފައިވާ ކަމަށެވެ. ” އަހަރެންގެ ނަމުގެ މައްސަލަވެސް ވަރަށް ބޮޑު މައްސަލައަކަށްވި. ޕާކިސްތާނުގެ އެކްޓަރަކަށްވެސް ހުމާ ގުރެއިޝީ ކިޔާތީ އެ ނަން ބަދަލުކުރުމަށް ވަރަށް ގިނަ މީހުން އެދުނު. އެހެން ނަމަވެސް އަހަރެން އަބަދުވެސް ބޭނުންވަނީ މީހުން އަހަންނަކީ ހުމާ ގުރެއިޝީގެ ގޮތުގައި އެގެން. އެ ނަމަކީ އަހަރެންގެ އަސްލު. އެ ނަން ދުވަހަކުވެސް ބަދަލެއް ނުކުރާނަން.” މިހާރު ރަޖްނީކާންތު އާއި އެކު ފިލްމު ކުޅުމަށް ތައްޔާރުވަމުންދާ ހުމާ ބުންޏެވެ. ހުމާވަނީ ދިއްލީގައި ދިރިއުޅުނު އިރުވެސް ސްޓޭޖް ޑްރާމާތަކުގައި ބައިވެރިވެފައެވެ. ހުމާ ފުރަތަމަ މުމްބައި އަށް ބަދަލުވީ 02 އަހަރު ދުވަހުގެ ކޮންޓެކްޓެއްގައި ހިންދުސްތާން ޔުނިލްއެވާ އާއި އެކު ސޮއިކުރުމަށްފަހުގައެވެ. މުމްބައިއަށް ބަދަލުވުމާއެކު ގިނަ އިޝްތިހާރު ކުޅުމުގެ ފުރުސަތު ހުމާ އަށް ލިބުނު ކަމަށް އޭނާ ބުންޏެވެ .”ފުރަތަމަ މުމްބައި އަށް އައިސް ކުޅެން ފެށީ މަޝްހޫރު ފިލްމު އުފައްދާ ފަރާތްތަކުގެ އިޝްތިހާރުތައް. އެކަމަކު އެ އިޝްތިހާރުތައްވެސް ކުޅުނީ އޮޑިޝަނުން ހޮވުމުން” ހުމާ ބުންޏެވެ. ހުމާ ގެ މޮޅު އެކްޓިން އަނޫރާގު ކައްޝަޕްގެ ލޮލުގައި އަޅައިގަތީ އޭނާ ކުޅެމުންދިޔަ ސެމްސަންގް މޮބައިލް އިޝްތިހާރުންނެވެ. އެއަށްފަހު އޭނާ ވަނީ ހުމާ އާއި އެކު އޭނާގެ ކުންފުނީގެ ތިން ފިލްމެއް ކުޅުވުމަށް ސޮއިކޮށްފައެވެ. މިހާރު ހުމާ އަކީ އިންޑަސްޓްރީގައި ނަން ހިނގާ މަޝްހޫރު ބަތަލާއަކަށްވާއިރު އޭނާ ބުނެފައިވަނީ “ހުމާ ގުރައިޝީ”ގެ ނަމާއި މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. ދެން ބެލުންތެރިންނަށް ހުމާ އެންމެ އަވަހަށް ފެނިގެންދާނީ ޕީއޭ ރަންޖިތް ޑައިރެކްޓުކުރުމަށް ހަމަޖެހިފައިވާ، ފިލްމަކުން ރަޖްނީކާންތު އާއި އެކުގައެވެ.