“އެއީ ތެދެކޭ. އެމަންޖެ ސްކޫލަށް ވައްދަބަލަ. އޭނަ ކިހާ ކިޔަވާހިތުންތަ އެހެން އެ ބުނީ.” ބައްޕަ އާއެކު އެވަގުތު ގޭގައި އިން ބައްޕަގެ އެކުވެރި މޫސަ ނަޝްވާ އާއި އެއްބަސްވެލިއެވެ.
އެވަގުތު ބައްޕަގެ ހިތަށް އެރީ ކީކޭކަމެއްވެސް ނޭނގެއެވެ.
“އާން. އަހަރެންވެސް ތިޔަހެން ހިތަށް އަރާތާ ދުވަސްކޮޅެއް ވެއްޖެ. މިހާރު ތިޔަ ތާކަށް ނުގޮސްވެސް ވާކަށް ނެތެއްނު. އެންމެންވެސް ކަންތައްކުރާ ގޮތަށް އަހަރެމެން ވެސް ކުރަންވާނެތާ ދޯ”
ބައްޕަގެ ޖަވާބު އަޑު އިވުމުން ނަޝްވާ ވަރަށް އުފާވިއެވެ. ނަޝްވާގެ އިތުރުން ގޭގައި ތިބި އެހެންކުދިން ވެސް އުފާވިއެވެ.
އެ ފަހަރު ބައްޕަ ޗުއްޓީ ނިންމާލާފައި ފުރައިގެން ދިޔައީ ނަޒީލު ކޮއްކޮ ފިޔަވައި އެހެން އެންމެން ސްކޫލަށް ވައްދާފައެވެ. މަންމަ އެކަމާ މުޅިން ދެކޮޅު ހަދަހަދާ ހުއްޓައެވެ.
“ކަރީމު ބަލަ މޮޔަވީތަ؟ އެމީހުންގެ ފޮތާއި ފަންސުރާއި ޔުނިފޯމާއި އެހެންގޮސް ކިތައް ކަމަކަށް ޚަރަދު ކުރަން ޖެހޭނެކަން ނޭނގެނީތަ؟ މިހާރުވެސް މި އުޅެވެނީ ހަމަ ކިރިޔަ ކިރިޔާ. ކަންމަތީ ހުރި ދެ ފިހާރައަށް ވެސް އެ އޮތީ ދަރާފައި!” މަންމަ ރުޅިއައިސްގެން އެތިވަރު ގޮވަމުން ދިޔައެވެ. އެހެނަސް ބައްޕަ އެއަޑެއް ނާހައެވެ.
“އަހަންނަކަށް އެމީހުންގެ ޔުނިފޯރމު ދޮވެ އިސްތިރިކޮށް ނެހެދޭނެ. މިހާރުވެސް މަސައްކަތް ގިނަކަމުން ތަނެއްގައި ހަމަޖެހިގެން އިނދެވެނީއެއް ނޫން” މަންމަ އަނެއްކާ އަނެއް މަޅިޖެހިއެވެ.
“އަހަރެން ތިޔަ ކަންތައް ކޮށްލާނަން” ސްކޫލަށް ދެވޭތީ އުފަލުން ހުރި ރަމްޒާ ދައްތަ އަވަސްއަވަހަށް ބުނެލިއެވެ.
ނަޝްވާ ސްކޫލަށް ވެއްދި ޚަބަރާއިގެން އެންމެ ފުރަތަމަ އޭނަ ދިޔައީ ސަކީނާއްތަގެ ގެއަށެވެ. އެންމެ ފުރަތަމަ އެޚަބަރު އިވޭމީހަކަށް ޖީހާން ވުމަށް ނަޝްވާ ބޭނުންވިއެވެ.
“ނަސީބެއްނު ކަރީމަށް އެންމެ ފަހުން ވިސްނުނުކަން” ނަޝްވާގެ ވާހަކަ އަޑުއަހާފައި ސަކީނާއްތަ ބުންޏެވެ.
ނަޝްވާމެން އެގެއަށް އައުމަކީ ވެސް ސަކީނާ ހިތްހަމަ ޖެހޭ ކަމެއް ނުމެ ނޫންމެއެވެ. އެކަހަލަ ކުދިން ގެއަަށް ވަނުމުން އެމީހުންގެ ކުދިންގެ އަޚުލާގަށް ވެސް ނުރަނގަޅު އަސަރު ކުރާނެ ކަމަށް ސަކީނާ ގަބޫލު ކުރެއެވެ. އެހެންކަމުން އެއިން ކުއްޖަކު އެގެއަށް އަންނަ އިރަށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެކުދިން އެގެއިން ފޮނުވާލެވޭތޯ ސަކީނާ ބަލައެވެ. އެހެނަސް ނަޝްވާ ކޮންމެ ދުވަހަކު އެތަކެއް ފަހަރު އެގެއަށް ދެއެވެ. ޖީހާން ކުޅެން ގެންގުޅޭ އެއްޗެތިން ކުޅެއެވެ. ސަކީނާގެ ހިތުގައި އޮތީކޮން އެއްޗެއް ކަމެއް ނަޝްވާގެ މައުސޫމް ސިކުނޑިއަކަށް ނުވިސްނެއެވެ.
ފޮނި އުއްމީދު ތަކަކާއެކު ނަޝްވާ، ކިޔެވުމުގެ ފުރަތަމަ ހަރުފަތުގައި ފައި އެޅިއެވެ. ޕްރީ ސްކޫލުގެ ކިޔެވުން ވީ ހީކުރި ވަރަށް ވުރެ މާ މަޖާ އަދި އުފާވެރި ކަމަކަށެވެ. ކުލާހުގައި ބޭނުން ހުރިހާ އެއްޗެއް ކުޅެން ލިބެއެވެ. އެހާމެ ހިތްހެޔޮ މުދައްރިސެއް ހުރެއެވެ. އެކުވެރި ކުދިން ތިބެއެވެ. އޭނަގެ ގެ އަށް ވުރެ ހުރިހައި ގޮތަކުން ސްކޫލް ރަނގަޅު ކަމުގައި ނަޝްވާއަށް ގަބޫލު ކުރެވުނެވެ. އެގޭގައި އޭނަދެކެ ލޯބިން އެއްޗެކޭ ބުނެލާނެ މީހަކުވެސް ނުހުރެއެވެ. އެހެނަސް މުދައްރިސް ލޯބިން އޭނައާއި ބައްދާލާ ވާހަކަ ދައްކައެވެ. އެއީ ދުވަހަކު ވެސް އޭނައަށް ތަޖުރިބާ ކުރެވުނު އިހްސާސެއް ނޫނެވެ. މަންމަގެ ރުޅިވެރި މޫނު ފެނުނަސް ނަޝްވާ ބިރުން ރޫރޫ އަޅައިގަނެއެވެ. އަދި ކިރިޔާ ކަމެއް ވާއިރަށް އިލޮށިފަތި ހުސްވަންދެން ތަޅާތީވެ މަންމަޔާއި މެދުގައި ނަޝްވާގެ ހިތުގައި އޮންނަނީ ނަފްރަތުގެ ފާރެއް ލެވިފައެވެ.
ސަކީނާއްތަ ކަހަލަ މަންމައެއް އޭނައަށް ވެސް ލިބުނު ނަމައޭ ނަޝްވާގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ. އޭނަގެ ގެހައި ޖީހާންމެންގެ ގެ ރީތިވެފައި ފުރިހަމަ ނުވިޔަސް އެ ގެއަކީ އުފާވެރި ގެއެއްކަން ނަޝްވާއަށް އެނގެއެވެ. ގިނަ ވަގުތު ޖީހާންމެންގެ ގޭގައި އޭނަ ހޭދަކުރަން ބޭނުންވަނީ އެހެންވެއެވެ.
ސްކޫލްގެ މާހައުލު ކިތަންމެ އުފާވެރިނަމަވެސް ސްކޫލުގައި ބައެއްފަހަރު އަގުވެެއްޓި އެހެންކުދިންގެ މަލާމާތާއި ދިމާކުރުން ތަކާއި ކުރިމަތިލާން ނަޝްވާއަށް ޖެހެންފެށިއެވެ. ހެނދުނު ހަތްގަޑި ބަޔަށް ސްކޫލަށް ދާން ޖެހޭތީވެ ގިނަ ދުވަހު ނަޝްވާ ސްކޫލަށް ދަނީ އެއްވެސް އެއްޗެއް ނުކައެވެ. ކާންދޭކަށް ، އެއްޗެއް ތައްޔާރުކޮށްދޭކަށް މަންމައެއް ނުހުރެއެވެ. ރަމްޒާ ދައްތައާއި، ސަލްމާ ދައްތަ ސްކޫލަށް ދާއިރު އޭނަ ބޯއޮމާންކޮށް ރީތިކޮށްދެއެވެ. ބައެއް ދުވަސްދުވަހު ވަގުތެއް ލިބިއްޖެއްޔާ ރަމްޒާ ދައްތަ ސައި ތައްޔާރުކުރެއެވެ. ސައިނުބޮއި ދާ ދުވަސްދުވަހު އެމީހުން ތިބެނީ ހުސްބަނޑާއެވެ. އެފަދަ ދުވަސްތަކުގައި ބަނޑުހައި ހޫނުކަމަށް ކެތް ނުކުރެވުމުން އެހެންކުދިންގެ ދަބަހުގައި ހުންނަ މީރު ކިރު ޕެކެޓާއި ބިސްކޯދާއި އެއްޗެތި ނަގައިގެން ނަޝްވާ ކައެވެ. އެއީ ގޯސްކަމެއްކަން އެއްވެސް މީހަކު އޭނައަށް ދުވަހަކު ވެސް ބުުުުނެއެއް ނުދެއެވެ.
ކުލާހުގައި އެގޮތަށް ކަންތައްތައް ވާން ފެށުމުން އެހެންކުދިން ނަޝްވާގެ ޝަކުވާ މުދައްރިސާ ހަމައަށް ގެންދެއެވެ. އަދި ކަންތައްތައް ވީގޮތް ސާފު ކުރުމަށްފަހު މުދައްރިސް އޭނައަށް އެއީ ގޯސްކަމެއްކަން ބުނެދެއެވެ. އަދި އެކަންތައް ތަކުރާރު ވާން ފެށުމުން ކުލާހުގައި އޭނައަށް ބައެއްކަހަލަ ކުޅޭ އެއްޗެތި ނުކުޅެވޭ ގޮތަށް ވެސް މުދައްރިސް ހަމަޖެއްސިއެވެ. އެފަދަ ދުވަސްތަކުގައި ނަޝްވާ ވަރަށް ދެރަވެއެވެ. އަދި ލަދުވެސް ގަނެއެވެ. އެކަމަކު ވެސް އެގޮތަށް ކަންތައް ކުރެވެނީއެވެ. ދުވަހަކު ވެސް އިންޓަވަލަށް ގެންދާނެ އެއްޗެއް ނަޝްވާއަށް ނުލިބެއެވެ. ސްކޫލްގެ އެއްޓާމުގެ ކިޔެވުން ނިމުނު އިރު އޭނަ އިންޓަވަލް ގެންދިޔައީ އެންމެ ދުވަހަކުއެވެ. އެއީ ޖީހާންގެ އުފަންދުވަހު ބެހި މެޓާ ޕެކެޓުތަކުން އޭނައަށް ލިބުނު ޕެކެޓެވެ. އެޕެކެޓް ފޮރުވާފައި ބޭއްވުމަށްފަހު ޖެހިގެން އައިދުވަހު ސްކޫލަށް އޭނަ ޕެކެޓް ގެންދިޔައީއެވެ. އަދި އިންޓަވަލް ގަޑީގައި އެހެންކުދިންނަށް އޭނަގެ އިންޓަވަލް ދައްކަމުން އުފަލާއެކު އެކުދިންނާއި އިންޓަވަލް ގަޑީގައި ބައިވެރިވީއެވެ.
ޕްރީސްކޫލްގެ ކިޔެވުން ނިންމުމަށް ފަހު ނަޝްވާ ގުރޭޑް އެކަކަށް ބަދަލުވިއެވެ. ކުލާސް ބަދަލު ނުވުމާއި އަޚުލާޤު ގޯސްވުމާއި ތަފާތު އެކި މައްސަލަތަކުގައި އަދަބު ލިބެން ޖެހޭތީ މިހާރު ފަޒީލުބޭބެ ސްކޫލަކަށް ނުދެއެވެ. ސްކޫލަށް ދާން ނުޖެހޭތީ ފަޒީލުބޭބެ ހުންނަނީ ވަރަށް އުފަލުންނެވެ. އޭނަގެ ކަމަކީ ދުވާލު ހަތަރުދަމު އަތިރިމަތީގައްޔާއި ވަލު ތެރޭގައި އެކިކުދިންނާއި އެކު މަޖާނަގަމުން އުޅުމެވެ. ސަލްމާ ދައްތައާއި ރަމްޒާދައްތަ އަދި ސްކޫލަށް ދެއެވެ. އެކަމަކު ދުވަހަކުވެސް ގޭގައި ތިބެގެން ފޮތެއްގައި އަތްލާތަނެއް، ފޮތަކުން ކިޔާލާ ތަނެއް ނުފެނެއެވެ. ސްކޫލުން ބެލެނިވެރިޔަކު އަންނަން ބުނުމުން ވެސް އެއްވެސް މީހަކު ބެލެނިވެރިއެއްގެ ގޮތުގައި ސްކޫލަކަށް ނުދެއެވެ.
“މަށަށް ވަރިހަމަ ކިޔެވިޔަސް ނުކިޔެވިޔަސް! ނުކިޔަވަންޏާ ފާސްނުވެގެން ކަނޑާލާނެއެއްނު. އޭރުން މާ ރަނގަޅުވާނެ. ބޯ ހާސްވާކަން ނުޖެހޭނެ. މިހާރުވެސް ދެދުވަހުން އެއްދުވަހު ފޮތެއް ނޫނީ ފަންސުރެއް ހުސްވެގެން އެނޫނީ އެހެންކަމެއް ނުވެގެން ޝަކުވާކުރަން ތިބޭނެ. އެކަމަކު އަހަރު ފެށޭއިރު ދިގު ލިސްޓަކަށް ތަކެތި އެބަ ހަމަކޮށްދޭނެ ޖެހޭ!. މަގޭ ހިތަށް އަރާ ހަފްތާއެއް ނުވަނީސް އެތަކެއްޗަށް ވަނީ ކީއްބާވައޭ”
މަންމަ އެގޮތަށް ހަޅޭލަވަން ފެށުނުމުން އެއްޗެއް ނުވަތަ ކަމެއް ބޭނުންވިޔަސް އެކަމެއް އެކަކުވެސް މަންމަ ގާތު ނުބުނެއެވެ. ނެތް އެއްޗެއް ނެތީއެވެ. ސްކޫލުން ލިބެން ޖެހޭ އަދަބެއް ލިބޭނެތާއެވެ.
ރަމްޒާ ދައްތަމެން ފޮތެއް ހިފައިގެން ތަނެއްގައި އިށީންނަ އިރަށް މަންމަ ހަޅޭލަވަން ފަށައެވެ.
“ބަލަ ކިޔަވަން ތިބެން ޖެހޭނީ ގޭގައި ކުރަން ޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައެއް ނޫންތަ. އަހަރެެން އެކަނި މާއެކަނި ހުރިހާ ކަމެއް ކުރާނީ ކިހިނެއްތަ؟ މިގޭގައި ގިނައީ އަންހެނުން. އެކަމަކު ކުރާކަމެއް ހަރާން! ދޭ ތެދުވެގެން ގޮސް ތަށިތައް ދޮވެ ބަދިގެ ސާފުކުރޭ!”
މަންމަގެ ހަޅޭކުގެ ސަބަބުން ކިޔަވަން ފޮތެއް ނަގަން ވެސް ރަމްޒާދައްތަމެން ޖެހިލުން ވެއެވެ. މިހާރު މަންމަ ބޭނުންވަނީ ރަމްޒާ ދައްތައާއި ސަލްމާދައްތަ އަކީ ބޮޑުވެފައި ތިބި ރީތި އަންހެންކުދިންނަށް ވުމާއެކު އެގެއަށް މަންމަގެ ރައްޓެހިކަމުގައި އަންނަ އެކިއެކި ފިރިހެނުންނާއި ގުޅުވާށެވެ. މިހާރުވެސް ކަންތައްވަމުން ދަނީ އެގޮތަށެވެ. ކިތަންމެ ކުޑަޔަސް، އުމުރުން ހަގުވިޔަސް މިހުރިހައި ކަމެއް ނަޝްވާއަށް އެނގެއެވެ. ފެނޭވެސް މެއެވެ. އޭނަ އެހުރިހައި ވާހަކަތަކެއް ޖީހާންގެމެންގެ ގެއަށް ގޮސް ދައްކައެވެ.
ނަޝްވާ ގުރޭޑް ހަތަރަކަށް ބަދަލުވީ އާދައިގެ ގޮތަކަށް ފާސްވެގެންނެވެ. ކިޔެވުމަށް މާ މޮޅު ނުވިޔަސް ފިލާވަޅުތައް ދަސްކުރެވޭތޯ އޭނައަށް ވީ ވަރަކުން ބަލައެވެ. ހެނދުނު ސްކޫލަށް ދިޔުމުގެ ކުރިން އަރުތެރެއަށް ލާނެ އެއްޗެއް ނުލިބުނަސް، އިންޓަވަލަށް ގެންދާނެ މީރު އެއްޗެއް ނެތަސް، ސްކޫލުގެ ފޮތާއި ފަންސުރު ހަމަނުވިޔަސް ކޮންމެދުވަހަކުވެސް ގަޑި ނުޖެހި ސްކޫލަށް ދެވޭތޯ އޭނަ ބަލައެވެ.
އެދުވަސްވަރު ނަޝްވާގެ މަންމަ ފަރީދާ އަނެއްކާވެސް އިތުރު ކުއްޖަކަށް ބަލިވެއިނެވެ. މަންމަ ބަލިވެ އިނުމާއެކު ހިސާބުގަނޑުގައި އަވަށްޓެރިންގެ މެދުގައި ދެކެވެން ފެށި ވާހަކަތައް ނަޝްވާގެ ކަންފަތަށް ވެސް އެރިއެވެ.
“އެއީ ކަރީމުގެ ދަރިއެއް ނޫން. ކަރީމު ރަށަށް ނާންނަތާ ހަ މަހަށް ވުރެ ގިނަވެދާނެ. ފަރީދާ އެ އުޅެނީކީ ސަހަލު އުޅުމެއް ނޫން. ބޮޑެތިވެފައި ތިބި އަންހެން ދަރިން ތިބި އިރު އެހެން އުޅެން ހެޔޮވެސް ނުވާނެއެއްނު.” ކާސިމްބެ މެންގެއަށް އެދުވަހު ނަޝްވާ ދިޔައިރު އެގޭ ކަތްދައްތަ ބުނާ އަޑު އިވުނެވެ.
“އާނ އެއުޅޭ ފަޒީލެއް ވެސް ދޯ. ގޭގެއިން ވައްކަން ކުރަމުން ސިނގިރެޓްވެސް ބޮމުން އެއުޅެނީ. މަށަށް ހީވަނީ މަސްތުވާތަކެތިވެސް ބޭނުންކުރާހެން މިހާރު.” އެހެން މީހަކު ބުނި އަޑު އިވުނެވެ.
“ފަރީދާ އެއިން ކުއްޖަކަށް ހެޔޮ ނަސޭހަތެއް ވެސް ނުދޭނެ. މިހާރު ރަމްޒާއާއި ސަލްމާ ވެސް އެހިނގަނީ މަންމަ ކޮށާދޭ މަގުން. ދެން ހުރީ ނަޝްވާ. އޭނަ އަދި ކިހާވަރަކުން ދާނެ ބާއޭ ހިތަށް އަރާ….!”
(ނުނިމޭ)