English Edition
Dhivehi Edition

މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ކަނޑައަޅާފައިވަނީ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ހަނދު ސާބިތުވިކަން އިޢުލާންކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ވިދާޅުވީ ޙިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާ ނެރުއްވާފައިވާ ހަނދު ސަބިތު ކުރުމުގެ ބަޔާނުގައިވަނީ، މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވުމަށާއި މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.