އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓާ ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓާ ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖެނެރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ރަށްރަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަށް ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އިތުރަށް ފެނަކައިން ބުނީ ސްޓެލްކޯއާއިއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގާވަޓްގެ އާ ޖެނެރޭޓާ ސެޓެއް ހޯދައި އައްޑޫއަށް ފޮނުވުމަށް މިހާރު ލޭންޑިން ކްރާފްޓަށް ލޯޑް ކޮށްފައިވާ ކަމަށެވެ. އަދި ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާއިރު ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ފެނަކައިން ބުނީ ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ހިންގަށް ފެށޭނެކަމަށެވެ.
ރޯދަ މަހަކީ ހާއްސަކޮށް ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށް ވާތީ އާއި އައްޑޫގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓު ޑިމާންޑް މަތިވަމުން ދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫގެ ކަރަންޓު މައްސަލައަކީ ޒަމާންތަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަން ފާހަގަކޮށް ފެނަކައިން ބުނީ ހެޔޮނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން އެ ކުންފުނިން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.