English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގޭބިސީތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭނީ މާލޭގެ ގޭބިސީތަކުންވެސް ނަގާއަގުގައި ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ މެނޭޖިންޑިރެކްޓަރު އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އައްޑޫގައި ފެނުމުގެ ޚިދުމަތަށް ނަގާއަގު މާލެއަށްވުރެ ބޮޑުނުވާނެ ކަމަށެވެ. އައްޑޫގައި ފެނުގެ ޚިދުމަތްދޭން ކުރިން ނިންމައިފައިވަނީ މާލެއަށްވުރެވެސް އަގުބޮޑުކޮށްނެވެ. އެކަމާ އައްޑޫ ރައްޔިތުންވަނީ ވަރަށްބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެފެން ބޭނުން ނުކުރުމަށް އައްޑޫ މޭޔަރު އަބްދުﷲ ސާދިގުވެސް ރައްޔިތުންނަށް ގޮވައިލެއްވިއެވެ.

ފެނުގެ ޚިދުމަތުން ނަގާއަގު މާލެއާ އެއްވަރަށް ދަށްކުރުމަށްފަހު މިހާރުވަނީ އައްޑޫގައި ހުންނަ ފެނަކަ ރީޖަނަލް އޮފީހަށްވެސް އަންގަވައިފައެވެ. މިމަހުން ފެށިގެން އެ އެންގުމަށް އަމަލުކުރަން ފަށާނެއެވެ.

ކުރިން ހަމަޖެހިފައި އޮތްގޮތުން އައްޑޫގައި ފެނަކައިން ދޭ ފެނުގެ ޚިދުމަތުން ގޭބިސީތަކުން ނެގުމަށް ހަމަޖެހިފައިއޮތީ 1 ލިޓަރުން ފެށިގެން 100 ލީޓަރާއި ހަމައަށް ފެން ބޭނުންކުރާ ގޭ ބިސީތަކުން ކޮޑިމީޓަރަކަށް 65 ރުފިޔާ ނަގާނެއެވެ. އެހެންނަމަވެސް ގެނައި ބަދަލާއެކު ދެން ނަގާނީ 22 ރުފިޔާއެވެ.

ކުރިން އޮތްގޮތުން 101-200 ލީޓަރާއި ހަމައަށް ފެން ބޭނުންކުރާނަމަ ކޮޑިމީޓަރަކަށް ނެގުމަށް ހަމަޖެއްސީ 75 ރުފިޔާއެވެ. އެހެންނަމަވެސް ދެން ނަގާނީ 70 ރުފިޔާއެވެ. 201 ލީޓަރަށް ވުރެ ގިނައިން ފެން ބޭނުން ކުރާ ގޭބިސީތަކުން ކޮޑިމީޓަރަކަށް ދެން ނަގާނީ 95 ރުފިޔާއެވެ. ކުރިން ނެގުމަށް ހަމަޖެހިފައި އޮތީ 100 ރުފިޔާއެވެ.

އައްޑޫގެ ގޭބިސީތަކަށް ފެން ފޯރުކޮށް ދިނުމަށްފަހު ބިލްކުރަން ފެށުމުން ހިތްހަމަނުޖެހިގެން ބައެއްގެތަކުންވަނީ ބިލްދައްކަން އިންކާރުވެސް ކޮށްފައެވެ. އެގޮތަށް ހެދީ އަގުބޮޑު ކަމުން ކަމަށް އެފަދަ ފަރާތްތަކުން ބުންޏެވެ.

އޭރު އޮތްގޮތުން ފެންޓަނަކުން 65 ރުފިޔާނަގާނެއެވެ. އެހެންނަމަވެސް މާލޭގައި ފެނުގެ ޚިދުމަތްދޭ އެމްޑަބްލިޔުއެސްއީ ޓަނަކުން ނަގަނީ 22 ރުފިޔާއެވެ. މިމަހުން ފެށިގެން އައްޑޫގައިވެސް ނަގާނީ އެއަގެވެ.