ކެންސަރު ބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ޕްރައިމަރީ ހެލްތު ކެއާ ނިޒާމުގެ ތެރެއިން ސްކްރީނިން ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ކެންސަރު ދުވަހާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ ކެންސަރު ދުވަހު، ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. މީގެ ތެރޭގައި މި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކާއި، އެހީތެރިންނާއި އަދި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ގެ މަސައްކަތް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް ވަނީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއެކު، ގަވާއިދުން ސްކްރީނިން ޓެސްޓުތައް ހެދުމަކީ ކެންސަރު ބަލީގެ ނުރައްކާ ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މައުލޫމާތު ފޯރުކޮށް ދިނުމަށެވެ.