އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރެވިގެންދާނެ ކަމަށެވެ.
މި ހިދުމަތް ދެވިގެންދާނީ ބޭރު ފައިސާގެ ގަވައިދާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކަރަންސީ ރެގިއުލޭޝަނާ އެއްގޮތަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާގެ ރޭޓުންނެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ މި ޕޯޓަލް މެދުވެރިކޮށް ކުރާ ހުރިހާ ޓްރާންސެކްޝަންތަކެއް ފަސޭހަކަމާއެކު ބަލާލެވެން ހުންނާނެ ކަމަށެވެ. މި ހިދުމަތާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އިތުރަށް ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒުކަމަށެވެ.