ބޭންކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ. އެގޮތުން މިރޭ ދަންވަރު 1:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދުގެ ވަގުތެއްގައި، ގާތްގަނޑަކަށް އެއް ގަޑިއިރެއް ހާއިރަށް ބޭންކުގެ މުހިންމު ގިނަ ހިދުމަތްތަކެއް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ.
މި ވަގުތުގެ ތެރޭގައި މެދުކެނޑުން އެކަށީގެންވާ ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް ބޭންކިން، މޯބައިލް އެޕް، އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ދެމުންދާ ހިދުމަތްތައް ހިމެނެއެވެ. މީގެއިތުރުން ބީއެމްއެލް ކާޑުގެ ހިދުމަތްތަކާއި ޕޭމަންޓް ގޭޓްވޭގެ ހިދުމަތް އަދި ޑޮލަރު ބުކިން ޕޯޓަލް ބޭނުންކުރުމުގައި ވެސް ދަތިތަކެއް ދިމާވެދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ގައުމީ ބޭންކުން ބުނީ މި މަސައްކަތަކީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި މެއިންޓެނަންސްގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ބޭންކުން ވަނީ މާފަށް އެދިފައެވެ.