English Edition
Dhivehi Edition

ރާއްޖޭގެ ކުރީގެ ރައީސުން މަސައްކަތް ކުރެއްވީ ދެވަނަ ދައުރަކަށް ވިސްނައިގެން ކަމަށް ވިޔަސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ދެވަނަ ދައުރަށް ވިސްނުންފުޅުބެހެއްޓެވުމުގެ ބަދަލުގައި މި ދައުރުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

“ކޮންމެ ރައީސަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި . ނަމަވެސް ރައީސް ޑރ. މުއިއްޒު، ރައްޔިތުންގެ މަންފާއަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކަކީ ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކެއް ނޫން ” މެމްބަރު ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ މިހާތަނަށް ގިނަ ރައީސުންނާއެކު ސިޔާސީގޮތުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ވެރިކަމުގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިލެއްވި ފުރަތަމަ ރައީސް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޭނުންވީ އޯގާތެރި ވެރިއެއް ކަމަށާއި އެކަން އަމަލުން ރައީސް ދައްކަވަމުންދާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގައި ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދެވީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ކަމަށެވެ. އަދި މާލޭ ސިޓީގެ މޭޔަރުގެ މަޤާމާއި ވެރިކަމުގައިވެސް މަސައްކަތްކުރައްވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުވަނީ، އެމަނިކުފާނަށް ލިބިވަޑައިގަތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުފެދިފައިހުރި މައްސަލަތައް ހައްލުކޮށްދެއްވައި ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް ކަމަށެވެ. އެގޮތުން ދެވަނަ ދައުރެއްގައި ކުރަން ކުރީގެ ވެރިން ނިޔަތްގަނެގެން ތިބި އެތައް ކަމެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް މިވީ ކުޑަ މުއްދަތުގެ ތެރޭގައި ހައްލުކޮށްދެއްވާފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ.