ދިވެހިންނަންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެން ޢަމަލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުމަރު ނަސީރު، ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއްގައި ވިދާޅުވެފައިވަނީ މަގުމަތިން ސަރުކާރު ވައްޓައިނުލާ ދިވެހީން ތިބެފާނެކަމަށް ރައީސް ހީފުޅުކުރައްވައިގެން ނުވާނެ ކަމަށެވެ.
މީގެއިތުރުން މަގުމަތިން ބޮޑު އިންގިލާބެއް ގެނައުމުގެ ބަދަލުގައި ވޯޓު ފޮށިން ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށާއި ނަމަވެސް މަގުމަތިން އެކަން ކުރަން ޖެހިއްޖެ ނަމަ ދިވެހިން އެކަން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މިވާހަކަތަކަށް އިޝާރާތްކުރައްވާ، ނައިބު ރައީސް ވަނީ ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ނާތަހުޒީބު އަދި ޑިމޮކްރެސީއާއި ދުރުބައެއްކަން ދައްކަން އުޅުމަކީ، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުންނަށް ހަޖޫޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް ކަމަށެވެ. އަދި މި ސިފައަކީ ޤައުމަށް އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް އެކި ގޮތްގޮތުން ފާޑުކިއުން އަމާޒު ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވެޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ، ވެރިކަމުން ދުރުކޮށް ޢަޒުލްކުރުމަށްވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވެއެވެ. އަދި އޭރު މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތްއިރު ބައެއް ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓިއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް ފަދަ މުހިންމު ބިލްތައް އޭރު މަޖިލީހުން ބޭރުކުރިއެވެ.