English Edition
Dhivehi Edition
ހަސަން އިސާމް / ފޮޓޯ: ފުލުހުން

މާލޭގެ އަލިކިލޭގެފާނު މަގުގައި ސައިކަލު ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު ކަމަށް އިއުތިރާފުވީ ނަމަވެސް، އޭނާ އަތުގައި އެ ފަށް ނެތް ކަމަށް، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަސަން އިސާމް ބުނެފިއެވެ.

އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތުމުގެ އިތުރުން، އެ މީހާގެ އަތްދަބަސް ޖަހައިގަންނަން މަސައްކަތްކުރި މައްސަލައިގައި ހަސަން އިސާމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އިސާމްގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.

އިސާމްގެ ބަންދުގެ އަމުރުގައި އޭނާގެ ކުށަށް އިއުތިރާފުވެ، އެ މައްސަލައިގައި ގެއްލުން ލިބުނު އަންހެން މީހާ އަށް ބަދަލުދޭން ބޭނުންވާކަން ހާމަކޮށްފައިވެއެވެ. އަދި ރަން ފަށް ފޭރުނު ކަމަށް އިސާމް ބުނި ނަމަވެސް، އޭނާގެ އަތުގައި އެ ފަށް ނެތް ކަމަށް ވަނީ ބުނެފައެވެ.