English Edition
Dhivehi Edition

އަމިއްލަ ގެތަކާއި އެޕާޓްމެންޓުތަކުގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް ހިންގުން މަނާކޮށްފިއެވެ.

ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓުތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެފައިވާ މިދުވަސްކޮޅު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނގިރެޓުތަކެއް ގެއްލިގެން ރިޕޯޓު ކުރެވިފައިވާ ބޮންޑެޑް ވެއާހައުސްއަކީ ވެސް މާލޭގެ ގެއެއްގައި ހަދާފައިހުރި ތަނެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާންތަކެއް ވަންދެން ބޮންޑެޑް ވެއާހައުސް މާލޭގެ އެކި ގެތަކުގައި ހިންގަމުން އައިސްފައިވާ ކަމަށާއި މި ތަންތަނުގައި ދެ ތަޅު ހަރުކޮށް އެއް ތަޅުގެ ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްގެ ފަރާތުން ކަމަށެވެ.

ސިނގިރެޓުތަކެއް ގެއްލިގެން ރިޕޯޓު ކުރެވިފައިވާ ބޮންޑެޑް ވެއާހައުސް ހިންގި ފަރާތުންވަނީ ކަސްޓަމްސްއަށް ނޭނގި، އެ ތަނުގައި އެހެން މަސައްކަތެއް ފަށައިފައެވެ. އިހުސާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި އެ ތަނުގައި އެ ވެއާހައުސްގައި ހުރިކަމަށް ކަސްޓަމްސްގެ ރިކޯޑުތަކު ދައްކާ މުދަލަށް ޑިއުޓީ ދައްކަން ވަނީ ވެރިފަރާތަށް އަންގައިފައެވެ.

އަދި މި މައްސަލައާ ގުޅިގެން އެކަން ހިނގި ގޮތް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަސްޓަމްސްއިން ތަހުގީގުކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބޮންޑެޑް ވެއާހައުސްއަކީ އިމްޕޯޓް ކުރެވޭ މުދަލާއި ޓްރާންޝިޕްމަންޓް މުދާ ވަގުތީގޮތުން ރައްކާކޮށް ބެހެއްޓުމަށް ބޭނުންކުރާ، ސަރުކާރުގެ ހުއްދަ ލިބިފައިވާ ޚާއްސަ ގުދަނެކެވެ. މިއީ ކަސްޓަމްސް އިދާރާގެ ބެލުމުގެ ދަށުން ހިންގާ، އަދި ޑިއުޓީ ނުދައްކާ މުދާ ރައްކާކޮށް ބެހެއްޓުމަށް ބޭނުންކުރާ ތަންތަނެވެ. ބޮންޑެޑް ވެއާހައުސްތައް މާލޭގެ އެކި ގެތަކާއި އެޕާޓްމެންޓުތަކުގައި ޒަމާންތަކެއް ވަންދެން ހިންގަމުން އައިކަން އިހުސާން ފާހަގަ ކުރެއްވިއެވެ.

އަމިއްލަ ގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން، އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، ދެން ބޮންޑެޑް ވެއާހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި އެކަން ތަންފީޒު ކުރަން ވެސް ފަށާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.