English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “އޮޕަރޭޝަން ވެށި ރައްކަލް” ގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ . ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34 އަހަރު) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29 އަހަރު) އެވެ.

ފުލުހުން ބުނީ ޖެނުއަރީ 14، 2024 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4,048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1,147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށް، 58 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމުލަ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ަނީ ބުނެފައެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި އަހްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރު ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން 21 މީހެއްގެ އަދި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ވަނީ ހިފަހައްޓާފައެވެ. އަދި މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.