English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާ

ފުވައްމުލަކު ސިޓީގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކު ސިޓީ މިސްކިތްމަގު “ޝިވާ” ގޭގައެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔާ ސްޓޭޝަނަށް ލިބިފައި ވަނީ ރޭ 10:05 ހާއިރު ކަމަށެވެ. އަދި އެއާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 10:40 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ރޭ ހިނގި މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.