މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް ޢީސާ ޚަލީލް އަވަހާރަވެފައި އޮއްވައި ފެނިއްޖެއެވެ.
އޭނާ އަވަހާރަވެފައި އޮއްވައި ފެނިފައިވަނީ ކާށިދޫ ބަނދަރު ސަރަހައްދުން އޮޔާދިޔަ ޑިންގީއެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޑިންގީ ތެރޭގައި އޭނާ އަވަހާރަށް ވެފައި އޮއްވައި ފެނިފައިވަނީ މިއަދު މެންދުރުފަހު 2:45 އެހައިކަންހާއިރު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކާށިދޫ ކައުންސިލްގެ މިހާރުގެ ރައީސް އަލީ ސުލްތާނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޑިންގީއިން އޭނާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސްވަނީ އަވަހާރަވެފައެވެ. އުމުރުން 57 އަހަރުގެ ޚަލީލްގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާތަން ފެންނަންނެތް ކަމަށްވެސް ސުލްތާންވަނީ ވިދާޅުވެފައެވެ.
ޚަލީލް ޑިންގީގައި ދިޔައީ ބަޔަކު އެރަށަށް ލައިފައި ކަމަށްވެސް ސުލްތާންވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ބަނދަރާ ދިމާއިން ޑިންގިއެއް އޮޔާދާހެން ހީވެގެން ބަޔަކުގޮސް ބެލިއިރު ޚަލީލް އޮތީއޭގައި އޮށޯވެގެންކަހަކަ ގޮތަކަށް ކަމަށްވެސް ސުލްތާނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
މިކަމާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ “ކ.ކާށިދޫ ބަނދަރުގައިއޮތް ޑީންގީއެއްގެ ތެރެއަށް ވެއްޓުނު 57 އަހަރުގެ މީހަކު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 15:00 އެހައިކަންހާއިރު ލިބިފައިވޭ. އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދޭ،” ކަމަށެވެ.