English Edition
Dhivehi Edition

ބޮލީވުޑްގެ މިވަގުތު އެންމެ އަގުބޮޑު އެއް އަންހެން ފަންނާނު ކަމުގައިވާ ކަންގަނާ ރަނާވަތު އަކީ، ސްރީ ދެވީ އަށްފަހު ކޮމެޑީ ރޯލްތަކުން ފެނިގެންދާ ހަމައެކަނި އަންހެން ފަންނާނު ކަމަށް އޭނާ ބުނެފިއެވެ. މިއަހަރު ސެޕްޓެމްބަރ ފަނަރައިގައި ނެރެން ހަމަޖެހިފައިވާ ފިލްމް ‘ސިމްރަން’ އާ ބެހޭގޮތުން ބޮލީވުޑްގެ މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، “އަހަންނަކީ ކޮމެޑީރޯލް ބޮލީވުޑްގައި ކުޅޭ ހަމައެކަނީ ބަޠަލާ. ތައްނޫގެ ރޯލް ނުވަތަ ދައްތޯގެ ރޯލް އިންވެސް މިކަން އެނގޭނެ.” ކަމަށެވެ. ކަންގަނާ އިތުރަށް ބުނިގޮތުގައި ބޮލީވުޑްގައި އަންހެން ފަންނާނުނަށް ކޮމެޑީ ލީޑްރޯލް ކުޅުމަށް އެހާ ފުރުސަތު ނުލިބެއެވެ. ސިމްރަން ފިލްމްގެ ލީޑް ރޯލް ކުޅެނީ ކަންގަނާ ރަނާވަތުއެވެ. މި ފިލްމް ޑައިރެކްޓް ކުރަނީ ހަންސަލް މެހެތާއެވެ. ވަރަށް ފަހުން މި ފިލްމް ވަނީ ހަބަރު ތަކުގެ ސުރުހީ އަަށް އަރާފައެވެ. މި ފިލްމްގެ ސްކްރިޕްޓުގެ ބައެއް ތަންތަން ކަންގަނާ ވަނީ ލިޔެދީފައެވެ. އަދި ފިލްމް ޕްރޮޑިއުސަރުން ވަނީ ކަންގަނާގެ ނަން ސްކްރިޕްޓް ގައިވެސް ފާހަގަ ކޮށްފައެވެ. ނަމަވެސް މިކަމާ ފިލްމްގެ ލިޔުންތެރިޔާ އަޕުރުވާ އަސްރާނީ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެއީ ފިލްމް ލިއުމުގެ ކްރެޑިޓް ކަންގަނާއާއެކު ހިއްސާ ކުރަން ބޭނުން ނުވުމުންނެވެ. ނަމަވެސް މިހާރު މިމައްސަލަ ހަމައަކަށް އެޅި ފިލްމްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއައްދާކަމަށް ރިޕޯޓްތައް ބުނެއެވެ. ކަންގަނާ މިވަގުތު މި ފިލްމުގެ އިތުރުން ‘މަނިކަރްނިކާ- ދި ކުއީން އޮފް ޖާނސީ’ ނަމަކަށް ކިޔާ ފިލްމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.