English Edition
Dhivehi Edition

ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

‎ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ އޮތް ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

‎ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ޚިދުމަތެއް ނޫން ކަމަށާއި، ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ރާއްޖޭގެ އަދުގެ ޙާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ޚާއްޞަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިކަން ޙަޤީޤީތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި ހަލުވި ދުވެލީގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމާ، ފުރިހަމަ ކުރެވެމުންދާކަމަށެވެ.

‎ކެންސަރ ހޮސްޕިޓަލުގެ އިތުރުން، ދިވެހިރާއްޖޭގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އެންމެ ނުތަނަވަސްވެފައިވާ ނަފުސާނީ ބަލީގެ ކަންކަމުގެ ފަރުވާއަށް ލ.ގަމުގައި ހޮސްޕިޓަލު ތަރައްޤީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްޤީ ކުރަން ނިންމަވާފައިވާކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރާ ބަޔަކުނަމަ ކުރަންޖެހޭނެ ކަންކަމަކީ މިފަދަ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.

‎ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްޤީކޮށް، މި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޚިދުމަތްދޭން ފެށޭނެކަންވެސް ފާހަގަކުރައްވާފައެވެ.

‎ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ޤާއިމުކުރައްވާ ނިންމަވާނެކަމަށް ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ބޭނުން ހިފޭ، ދެމެހެއްޓެނިވި ވިސްނުމުގެ ނަޒަރިއްޔާއިން އަންނަނިވި ޒަމާންތަކުގައިވެސް ފައިދާ ލިބެނިވި އެއަރޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

‎ތާރީޚު ދުށް ސިނާޢީ އިންޤިލާބަށް ބެލިކަމުގައި ވީ ނަމަވެސް ޤައުމުތައް ކުރިއަރާފައިވަނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އެއްގަމު ދަތުރުފަތުރުގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދަކީ މާލޭ ސިޓީކަން ފާހަގަކުރައްވާ، މި މައްސަލައަށް ޙައްލު ހޯއްދެއްވުމަށްވެސް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދިރާސާތައް ފަށާފައިވާއިރު، 2025 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެއްޓެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

‎2025 ވަނަ އަހަރަކީ އެއް ރަށް އަނެއް ރަށަށް ގުޅާލަދޭ ބުރިޖު އެޅުމުގެ ރޮނގުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށްވުން ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.