English Edition
Dhivehi Edition
މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފުތިތާހުކުރުން

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގައި މިއަހަރު ބައިވެރިވި 135 ދަރިވަރުންނަށް، ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެއްގޮތަށް މި ޕްރޮގްރާމް ފަރުމާކުރެވުފައިވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު، ޓީޗިންގ ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިންގ ޑިގްރީ ޕްރޮގްރާމް ފަށާގޮތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ ސްޓައިޕެންޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. މި ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކުރެވިފައިވާ “ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)” ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.. އަދި މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.