English Edition
Dhivehi Edition
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޮޓޯ: އިސްލާމިކް މިނިސްޓަރީ

ރައީސް ޑރ. މުހްއްމަދު މުއިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުންވެސް ދަރިވަރުންވެސް ތައުލީމް ހާސިލްކުރުމަށް އަންނާނެ ޔުނިވާސިޓީއަކަށް ހެދުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ “މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވާސިޓީއާއި ގުޅޭ ވަރަށް ރަނގަޅު ތަސައްވުރެއް އެކުލަވާލެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި 2025 ވަނަ އަހަރު މިކަމުގައި އަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ހަބަރު ދެއްވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ކީރިތި ޤުރުއާނުގެ އިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އިސްލާމީ އިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވާސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.