English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެންގާފައިވާއިރު އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު ސޮއިކުރައްވާ އިއްޔެ، މުވައްޒަފުންނަށް ވަނީ މިކަމާއި ގުޅޭ އިންޓާނަލް މެމޯއެއް ފޮނުއްވާފައެވެ.

މި މެމޯގައިވަނީ މުސާރައިގެ އެއްބައި ޑޮލަރުން ދިނުން ހިމެނޭހެން ދެމުން އަންނަ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިފަދަ މެމޯއެއް ފޮނުވީ ޑޮލަރުން ދޭ މުސާރައިގެ ބައި ހިމެނޭހެން އިނާޔަތްތަކަށް ބަދަލު އަތުވެދާނެތޯ މުވައްޒަފުން ސުވާލު އުފައްދަމުންދާތީކަމަށްވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

މި މެމޯގައި އިތުރަށް ބުނެފައިވަނީ ރައީސް އެ ޔަގީންކަން ދެއްވީ މިކަމާ ގުޅިގެން އެމަނިކުފާނާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންކަމަށެވެ. އަދި މަޝްވަރާތަކުގެ ތެރެއިން، އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ އެ ހިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވިކަމަށްވެސް މެމޯގައި ބަޔާންކޮށްފައިވެއެވެ.