English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވާ އެކައުންޓަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދިވެހި ރުފިޔާ އެކައުންޓްތަކަށް 3 ޕަސެންޓް ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 ޕަސެންޓް ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މިހާރު ހުޅުވާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ހާއްސަކޮށް ބޮޑެތި އިނާމުތަކާއެކު އައު ޕްރޮމޯޝަނެއްވެސް ފަށާފައިވާކަމަށެވެ.

• ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް: ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ

• ކޮންމެ އަހަރަކު ދެވޭ އިނާމު: އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ “ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލު ގެނެސް ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުން ކަމަށެވެ. “ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.” އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

“މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވާ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓާކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް.” ބީއެމްއެލް އިން ބުނީ އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށްވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.