English Edition
Dhivehi Edition
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ބައްދަލުކުރެއްވުން

ރާއްޖެ އާއި އިންޑިއާއާ ދެމެދު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 357 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިހާރު ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވާފައިވާއިރު ރަސްމީ މަޝްވަރާތަކަށް ފަހު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. އިންޑއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެފެއާޒް ޑިޕާޓުމެންޓުގެ ސެކްރެޓަރީ އަޖޭ ސެތުއެވެ.

މި އެއްބަސްވުމުގެ ދަށުން ފައިސާ ނަގާއިރު އެ ނަގާ އަދަދަކަށް އެމްއެމްއޭއިން ދިވެހި ރުފިޔާ އިންޑިއާގެ މަރުކަޒީ ބޭންކު، އާރުބީއައިގައި ބަހައްޓާނެއެވެ. އަދި ނެގި ފައިސާ އަނބުރާ ދައްކާ މިންވަރަކުން އާރުބީއައިގައި ބަހައްޓާ ފައިސާ އެމްއެމްއޭއަށް ދެމުން ގެންދާނެއެވެ. މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން މަރުކަޒީ ބެންކު އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫރޯ އަދި އެމެރިކާ ޑޮލަރުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވާނެ ކަމަށެވެ.