ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާބެހޭ އާ ގަވާއިދުގެ ދަށުން އެ ވިޔަފާރިތައް އެމްއެމްއޭގައި ރެޖިސްޓްރީ ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުޅުވާލައިފިއެވެ.
އެމްއެމްއޭ އިން މިގޮތަށް ނިންމާފައިވަނީ ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފެށުމާއި ގުޅިގެންނެވެ.
މި ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން މި ހިނގާ އޮކްޓޫބަރުގެ ނިޔަލަށް، އެ އޮތޯރިޓީގެ ރިޕޯޓިން ރިކުއާމެންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ “މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް” މެދުވެރިކޮށް ރެޖިސްޓްރީ ކުރަން ޖެހެއެވެ.
އެމްއެމްއޭއިން ބުނީ، މި ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.
މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމަކަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް މި ކަމަށް އެއްބާރުލުން ދިނުމަށްވެސް އެމްއެމްއޭއިން އެދެއެވެ.