English Edition
Dhivehi Edition
ރައީސް. ސައުދީ ހާރިޖީ ވަޒީރާ ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދުގެ އިސްވެރިޔާ، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސަޢޫދްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ފިސްކަލް ރިފޯމާއި ތަޢުލީމާއި ޞިއްހަތާއި އިޤްތިޞާދީ ތަރައްޤީއާ އަދި ޙައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ދިވެހިރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެޤައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުން ވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.