English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރމުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

އަތޮޅުތަކުގައި އަޅާ ފުރަތަމަ ވަޤްފު އިމާރާތް އައްޑޫ ސިޓީގައި އަޅަން ނިންމާ، އެކަމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުގައި ވަޤްފު އިމަރާތް އެޅުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ/އަތޮޅު ކައުންސިލްތަކުން 10 ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ. އަދި ރަށު ކައުންސިލްތަކުން 14 ރަށަކުން ޕްރޮޕޯސަލް ހުށައެޅިއެވެ. މީގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ވަޤުފުގެ ބޮޑު މަޝްރޫއުއަކީ 200 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކު 30 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބޭނެކަމަށެވެ. އައްޑޫ ވަޤްފު އިމާރާތް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ 30 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުއާއެކު އައްޑޫ ސިޓީގައި އިސްލާމީ ކަންކަން ކުރިއެރުވުމަށް ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ ކުރިއަށް ގެންދެވޭނެކަމަށެވެ. އެގޮތުން މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ މުބާރާތްތައް ބޭއްވުމާއި އެ ރޮނގުން އިތުރަށް މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނެކަމަށެވެ.