English Edition
Dhivehi Edition

ބަންކަރިން ފަދަ މެރިޓައިމް ހިދުމަތްތައް ފެށިފައި ނުވަނީ ކުރީގެ ސަރުކާރުތަކުގެ ވެރިންގެ ހިތްވަރާއި ކެރުންތެރިކަން ނެތުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް އިފްތިތާހު ކުރުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަަމުންނެވެ.

ސައީދު ވިދާޅުވީ މި މަސައްކަތް ވިޔަ ނުދިނުމަށާއި ރާއްޖެ ބަނގުރޫޓު ކުރުމަށް މީގެ ކުރިން ދައުލަތުން އެތައް ލައްކަ މުސާރައެއް ނަންގަވާ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، 122 ބިލިއަން ރުފިޔާގެ ދަރަންޏެއް ރާއްޖޭގައި އޮތް އިރު، އިގްތިސާދީ މި ހާލަތުން އަރައިގަތުމަށް އިގްތިސާދީ ކަންކަން އެހެން ދާއިރާތަކަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މި ފެށިގެން ދިޔަ ޚިދުމަތް ފުޅާކޮށް އިތުރު ޚިދުމަތްތައް މި ސަރަހައްދުގައި ގާއިމްކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ބައިނަލްއަގްވާމީ ރޫޓުން ރާއްޖެ ހުރަސްކޮށް ދުވާލަކު 300 އެއްހައި ބޮޑެތި ބޯޓުފަަހަރު ދަތުރުކުރާއިރު، އެ ކަމަށް ޓަކައި، އޭގެން އެންމެ ޕަސެންޓެއް ވެސް ބަންކަރިންގެ ޚިދުމަތް ނުފަށާ ގެންނާނީ ކިހިނެއްތޯ. ސުވާލަކީ ބަންކަރިންގެ ޚިދުމަތް ފާށާނީ އާދައިގެ ގޮތެއްގައިތޯ ނުވަތަ ބޮޑު ބިމެއް ހިއްކައި ޕޯޓެއް ހަަދައިގެން ބޯޓެއް އަންނާނެ ކަމުގެ އިންތިޒާގައި ތިބެގެންތޯ ” ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީއިގްތިޞާދީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ފަންނުގެ ތަޖުރިބާހުރި ދުނިޔޭގައި އެ ކަން ކުރާ ބަޔަކާއެކު ވިޔަފާރި ފަށައި ކުރިއަށް ގެންދިއުންކަމަށެވެ. އަދި އެ މީހުންގެ މާކެޓުން ރާއްޖެއަށް ބޯޓު ގެނެސް، ރާއްޖެއަށް “އޮޅުކުރުން” ކަމަށެވެ.

ރާާއްޖެ އޮތް ސަރަހައްދަކީ މުހިންމު ސަރަހަދެއް ކަމަށާއި މި ސަރަހައްދުން ދުވާލަކު 300 އެއްހާ ބޯޓު ހުރަސްކުރާއިރު އޭގެ ކުޑަ އިންސައްތައް ރާއްޖެއަށް ލިބިގެންދިއުމަކީވެސް ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބަންކަރިން ހިދުމަތް ފުޅާ ކުރެވޭނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް އިއްޔެ ފެށި އިރު އެކަން ކުރަނީ 3،258 ޓަނުގެ “އެމްޓީ މެރިން އޭންޖަލް” އާއި 3،929 ޓަނުގެ “އެމްޓީ މެރިން ބެލާ” ގެ އެހީއާއެކުގައެވެ. ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.