ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމާއި އިޙުސާސުތަކާއި ތޮޅިލުމުގެ ވަސީލަތެއް ނޫންކަމަށާއި، ޒަމާނުގެ ދިރާސާއިން އެނގޭގޮތުގައި ޅެންވެރިކަމަކީ އެއަށްވުރެ މާ ބާރުގަދަ ހަތިޔާރެއްކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުންވެސް ޅެންވެރިކަމަކީ، މީހާގެ ނަފްސާނީ މައްސަލަތަކަށްވެސް ފަރުވާ ދޭ ވަސީލަތަކަށްވެފައި އޮންނަ ކަމަށާއި ބޭސްވެރިކަމެއްގެ ގޮތުގައިވެސް ޅެން ބޭނުން ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ހާއްސަ ފަރާތްތަކަށް ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެމަށް އަނެއްކާވެސް އެހެން ދަރަޖައެއް ލިބުނީ ކަމަށެވެ
ވަޒީރު ވިދާޅުވީ ޅެމަކީ ސިއްހީ ފަރުވާދެވޭ ވަސީލަތެއް.ކަމަށާއި މިއީ ވަރަށް ކުރީއްސުރެ ދުނިޔޭގައި ހިނގަމުން އަންނަ ކަމެއްކަމަށެވެ.
“ސަލާމްލެއްވި އީސާގެފާނުވެސް 100 އަހަރު ކުރިންވެސް ޅެމުން ސިއްހީ ފަރުވާދޭ ކަމަށްވޭ. އެކަމާ ބެހޭގޮތުން ހެދިފަހުރި ދިރާސާތައް އެބަހުރި. އެދިރާސާތަކުން އެނގޭގޮތުގައި ސަލާމްލެއްވި އީސާގެފާނު 100 އަހަރުކުރިން ނަފްސާނީ ކަންކަމަށް ޅެންވެރިކަން ބޭނުންކޮށްގެން ފަރުވާދީފައި އެބަހުރި. މާޔޫސްކަން އުފެދޭ މީހުންނަށް، އަދި އެކި އެކި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެވޭން ކުޑަކުރުވުމަށްޓަކައި ފަރުވާކޮށްފަ އެބަހުރި.” ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ ޢަފީފްގެ ޅެންފޮތް “އަލިދޯދި”ވަނީ ނެރެފައެވެ. އަދި ޢަފީފުގެ ހަޔާތްޕުޅާއި ޚިދުމަތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއްވެސްވަނީ ދައްކާފައެވެ.