English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ދެކުނުފަރާތު މޫދު ސަރަހައްދުން މަރުވެފައިވާ މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ އުމުރުން 83 އަހަރުގެ އެ ފިރެހެންމީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 13:35 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފެނިގެން ވަގުތުންވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ވިދާޅުވީ މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ފެހިގޭ، ހުސައިން މަނިކު ކަމަށެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށް ކައިރީގައި އޮންނަ ގަމުން ގައްދުއަށް އައި މީހަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ރައްޔާން ވިދާޅުވިއެވެ.

ހުސައިން މަނިކަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ވަރަށް މަޑުން ހިނގައި ބިނގައި އުޅެވޭ މީހެކެވެ. އޭނާ ގެއިންނުކުތީ މެންދުރު ނަމާދަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔާން ވިދާޅުވިއެވެ. އޭނާ ދިޔައީ އެރަށު ބަރާސިލް އަވަށުގައި ހުންނަ މިސްކިތަށެވެ. “އޭނާ ބަނދަރުމަތީގައި އުޅެނިކޮށްވެސް ބައެއް މީހުންނަށްވަނީ ފެނިފައި. ހުސައިން މަނިކުބެއަކީ އެއްވެސް ބައްޔަކަށް ބޭސް ކުރަމުންދާ މީހެއްކަމެއްވެސް އެނގިފައެއްނެތް. މިސްކިތުން ފައިބައިގެން ކޮންމެވެސް ހާޖަތެއްގައި މޫދަށް ފައިބައިގެން އުޅެނިކޮށް މަރުވީ ކަމަށްވެސް ވެދާނެ. ހަގީގަތުގައި ވީގޮތެއްނޭނޭ،” ރައްޔާން ވިދާޅުވިއެވެ.