English Edition
Dhivehi Edition
ޒުވާން ޚަތީބުންނަށް ސަނަދު ޙަވާލު ކުރެއްވުން/ފޮޓޯ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ “ޒުވާން ޚަޠީބުން” ޕްރޮގުރާމުގެ ދެވަނަ ބުރުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު ޙަވާލުކުރައްވައިފިއެވެ.

މި ކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަނާއި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، “ޒުވާން ޚަޠީބުން” ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު، ކުރިއަށް ގެންދަވާ ޕްރޮގުރާމެއްކަމަށާއި، މިހައިތަނަށް 300އަށް ވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަކުރުމުން އެނގެނީ މި ޕްރޮގުރާމަކީ މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމަކީ މުޖުތަމަޢު ބަލައިގެންފައިވާ މުހިންމު ޕްރޮގުރާމެއްކަމަށާއި، މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ނެރުމަށް އަމާޒުކުރައްވައިފައިވާކަމަށާއި އެ ކަން ކާމިޔާބުކުރެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ބާއްވައިފައިވާ އިރު 300އަށް ވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އެގޮތުން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ޒުވާން ޚަޠީބުން އަންނަނީ އިމާމުވެ ހުކުރުނަމާދު ކުރަމުންނެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިންވަނަ ބުރު ވަރަށް އަވަހަށް ފައްޓަވާން ނިންމަވައިފައިވާކަން ވެސް ވަޒީރު ވަނީ މިއަދު އިޢުލާނުކުރައްވައިފައެވެ.