English Edition
Dhivehi Edition

ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ޕީސީބީއަށް ސިޓީއަކުން މިއަދު ހަވީރު އަންގާފައިވާއިރު އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއްނުކުރައްވަވައެވެ.

ޒީނާ ޒާހިރު ޕީއެެސްއެމްގެ އެމްޑީގެ މަޤާމަށް އައްޔަށް ކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ތައުލީމް ހާސިލްކުރައްވާފައިވާ ޒީނާ އަކީ ޕީއެސްއެމްގެ ތާރީޙުގައިވެސް އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރި ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމާއި ހަވާލުވުމަށްފަހު ޒީނާ ވަނީ 261 މިއަލަން ރުފިޔާއަށް ވުރެ މަތީގައި ދަރަނި އޮތް ޕީއެސްއެމްގެ ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަވާފައެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 20 އިންސައްތަ މިދިޔަ މެއި މަހާ ހަމަޔަށް ކުޑަކުރެވިފައިވާއިރު، ކުންފުނިން ނަގާފައިވާ ބައެއް ބޭނުން ނުކުރާ ލައިންސަންސް އާއި ފްރިކުއެންސީތައް ބާތިލް ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން އެމްޑީ ކަމުގެ މަޤާމުގައި ހުންނަވައިގެން ކުންފުނީގެ ހިންގުމާއި ކުންފުންޏަށް ކުރިމަތިވެފައި ހުރި ތަފާތު މައްސަލަތައް ހައްލުކުރުމަށް ޒީނާ ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމާ ޙަވާލުވުމުގެ ކުރިން ޒީނާ ގެންދެވީ އޭނާގެ އަމިއްލަ އޮންލައިން ނޫހެއް ކަމަށްވާ ‘ޒީ ޓައިމްސް’ ހިންގަވަމުންނެވެ.