ރާއްޖެއަށް 6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނެދަލެންޑްސްގެ މަޒޭސާ އެނޯކް ޑައިސޮނަމާ ނަމަކަށް ކިޔާ 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ލަގެޖެ ތެރޭގައި ހުރި ޒިޕް ލޮކް ބޭގުތަކުން މަސްތުވާތަކެތި ފެނިފައިވާއިރު ކްރިސްޓަލްތަކެއްގެ ގޮތަށް ހުއްޓައި ފެނުނު އެއްޗެއްސާއި މެދު ޝައްކުކުރެވިގެން ޓެސްޓްކުރިއިރު، ޑްރަގްގެ ބާވަތެއް ކަމުގައިވާ އެމްއެމްސީ-2 އަށް ވަނީ ޕޮޒިޓިވްވެފައެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގެ ދިފާއުގައި އޭނާ ބުނީ ރާއްޖެ އައީ ޗުއްޓީ ހޭދަކުރަން ކަމަށެވެ. އެ ލަގެޖަކީ އޭނާގެ އެއްޗަކަށް ވިޔަސް މަސްތުވާތަކެތި އެތެރެ ނުކުރާ ކަމަށާއި އެކަން ކުރީ ދަބަސް ޕެކްކުރި މީހުން ކަމަށެވެ. އަދި އެކަން ހިނގީ އޭނާ އަށް އެނގިގެން ނޫން ކަމަށެވެ.