English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ “ހިޔަލަ ވީކެންޑް މާކެޓް”އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް، ޒިޔާރަތްކުރައްވައިފިއެވެ.

ފުވައްމުލައް ސިޓީ، މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި ކުރިއަށްދާ މި މާކެޓަކީ ދިވެހި ކަނބަލުންގެ އުފެއްދުންތައް ވިއްކުމަށް ޚާއްސަކޮށްގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހަފްތާ ބަންދުގައި ކުރިއަށްގެންދާ މާކެޓެކެވެ.

މި މާކެޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ރަށުގެ ކަނބަލުން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ. އަދި ވިޔަފާރިތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ވީކެންޑް މާކެޓްގައި 46 އަންހެން ވިޔަފާރިވެރިން ބައިވެރިވިއެވެ. މާރކެޓުގައި ލިބެން ހުރި ތަކެތީގެ ތެރޭގައި، ކާބޯތަކެތި، އަންނައުނާއި ގަހަނާ، ފަންނުވެރި މަސައްކަތްތައް، ސްކިން ކެއަރ، ހޯމްޑެކޯރ ހިމެނޭކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން މަޢުލޫމާތުދެއެވެ.

2 ދުވަހަށް ކުރިއަށްގެންދިޔަ މި މާކެޓްގައި ފުވައްމުލަކަށް ޚާއްސަ، ކާބޯތަކެތީގެ ލުއިކާނާގެ ގިނަ ބާވަތްތަކެއް ވިއްކާފައިވެއެވެ.

ހިޔަލަ މާރކެޓަކީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އަތޮޅުތެރޭގައި ބީސީސީގެ ފަރާތުން ބާއްވަމުން އަންނަ މާރކެޓެކެވެ. އެގޮތުން ހިޔަލަ އެކްސްޕޯގެ ނަމުގައި އެންމެ ފުރަތަމަ ހިޔަލަ މާރކެޓް ބޭއްވީ 2021 ވަނަ އަހަރު ހދ. ކުޅުދުފުއްށީގައެވެ. އަދި 2022 އަދި 2023 ވަނަ އަހަރުވެސް މި އެކްސްޕޯ ބޭއްވީ ހދ. ކުޅުދުފުށީގައެވެ.

ބީސީސީން މިހާރު މަސައްކަތްކުރަމުންދަނީ “ހިޔަލަ ވީކެންޑް މަރކެޓް” ފުޅާކޮށް އެކި ރަށްރަށުގައި ބޭއްވުމަށެވެ.