English Edition
Dhivehi Edition

ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ، ފައިސާގެ ގިނަ މުއާމަލާތްތަކާ ގުޅޭ މައްސަލާގައި ހައްޔަރުކުރި ކަރެކްޝަންސްގެ 13 މުވައްޒަފުންގެ މައްސަލަ ތަހުގީގުކޮށް ނިންމާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

މި މައްސަލަ އަކީ ޖަލުން ފޯނާއި މަސްތުވާތަކެތި ފެންނަ މައްސަލައިގައި 3 މަހެއްހާ ދުވަސް ކުރިން ހިންގަން ފެށި ތަހުގީގެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަރެކްޝަންސްގެ 13 މުވައްޒަފުންނަކީ:

  • ޒަޔާން އަހުމަދު (މާވިނަ، ކ. މާފުށި)
  • ޔާމީން ހުސައިން (ހިޖާޒް، ރ. މީދޫ)
  • އަހުމަދު ޝަމާލް (ފަހާގެ، ށ. ފޯކައިދޫ)
  • މުހައްމަދު ރިމާޒް (ދަނބުމާގެ، ށ. ފޯކައިދޫ)
  • އަހުމަދު އަނޫފް (ބިންމަތީގެ، ކ. ކާށިދޫ)
  • އަލީ އަޝްފާގް (ކާމިނީގެ، ނ. ލަންދޫ)
  • މާޒިން ހަމީދު (ހަވޭލި، ފ. ނިލަންދޫ)
  • ޖިނާހް އަބްދުއްލްރަހީމް (އައިވަރީ ހައުސް، ރ. އުނގޫފާރު)
  • މުހައްމަދު ފަތޫހު ފަތުހުﷲ (ކުއްޅަވައްގެ، ގއ. ވިލިނގިލި)
  • އަލީ ހިޝާމް (ބީޗް ހައުސް، ކ. މާފުށި)
  • މުހައްމަދު ނަބުހާން (ގ. އީވްނިންގެ ސްޓާ، ކ. މާލެ)
  • މުހައްމަދު ނަބީލް އިބްރާހިމް (މ. މޭދާ، ކ. މާލެ)
  • އަލީ ނާޒިމް (ތަރާނާގެ، ހދ. ނޭކުރެންދޫ)

މި މައްސަލަ އާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ ތަހުގީގުން ހާމަވިގޮތުގައި, 18 މުވައްޒަފެއްގެ އެކައުންޓުގައި 73,600,000ރ. ޖަމާވެފައި ހުރި ކަމަށާއި، އެ ފަރާތްތަކުގެ އެކައުންޓަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރި އިރު, 73 މިލިއަނަކީ 2023 ގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާ ކަމަށެވެ.

ފުލުހުން ބުނީ މި ކަރެކްޝަންސްގެ 13 މުވައްޒަފުންގެ ތެރެއިން 9 މީހުން ހައްޔަރުކޮށްފައި ވަނީ މާފުށިން ކަމަށެވެ. ކާށިދޫއިން 2 މީހުން ހައްޔަރުކޮށްފައި ވާއިރު އުތީމުން މީހަކު އަދި މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.