ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވ 2024ގެ ތެރެއިން، އެ ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކިޔައިދީފައިވާ ކަމަށެވެ. އަދި މަގުމަތީގައި ބޭނުންކުރާ އެކި ނިޝާންތަކާއި އެ ނިޝާންތަކުގެ ބޭނުމާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީ މަގުމަތީގެ ގަވާއިދުތަކާއި ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި ރިވެތިބަހުން މުއާމަލާތުކުރުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ސެޝަނުގައި ފުވައްމުލަކު ސްކޫލުގެ ގްރޭޑް 1 އިން 5 އަށް ތައުލީމު ހާސިލު ކުރަމުންދާ 95 ދަރިވަރުންނާ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލު ކުރަމުންދާ 291 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.
މި އޮގަސްޓު މަހުގެ 3 އިން 18 އަށް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވ 2024ގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމް، ފަހިރާސްތާ، ރޯޑް ސޭފްޓީ ހިނގާލުމާއި ރަށުގެ އެކި މަގުތަކުގައި ބިލްބޯޑު ހަރުކުރުމުގެ އިތުރުން ވޮލީބޯޅަ މުބާރާތާއި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން ވޮލީބޯޅަ މުބާރާތާއި ސްކޫލު ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށް އެބަގެންދެއެވެ.
ރައްކާ ރޯޑް ޝޯވ އަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ހޭލުންތެރިކަން އިތުރުކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.