English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމައި، އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، ހަންކެޑެ ބްރިޖްގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ. އަދި އެ ބްރިޖްގައި ކުރަހަންޖެހޭ ކުރެހުންތައް ވެސް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތްކަމަށާއި އަންނަ މަހުގެ މެދެ ތެރޭގައި ބްރިޖް އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

4 ލޭނަށް ތަރައްޤީކުރާ 1.4 ކިލޯމީޓަރުގެ މި ބްރިޖުގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔާ މަޝްރޫޢުއާއި އެކުއެކީގައެވެ. ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ސަރުކާރުން އައްޑޫ މަގު ހަދަން ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއިއެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގު 1.19 ބިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމުމަކާގާތަށް ގޮސްފައިވާއިރު ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ތަޢާރަފް ކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީ ކުރެވޭނެއެވެ. އަދި 64 ސަރވިސްޑް އެޕާރޓްމަންޓް ތަކުގެ އިތުރުން، 7 ބީޗް ވިލާވެސް މިމަޝްރޫޢު ތެރޭގައި ހިމެނެއެވެ.

އައްޑޫ ސިޓީ ހަންކެޑެ ބްރިޖަކީ، ފަތުރުވެރިކަމަށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށް، “ހަންކެޑެ” ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫގެ ލިންކް ރޯޑް މިހާރު އޮތީ ހަންކެޑެ ހުރަސްކޮށެވެ. މި ބްރިޖް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ، ހަންކެޑެ ކިޔާ ސަރަޙައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދުމެވެ.