English Edition
Dhivehi Edition
ނާޒިލު

އައްޑޫ ސިޓީ ގެ ގުޅިފައިވަ އަވަށްތަކުން ކަރަންޓު ކެނޑެމުންދާތީ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ ތަޅުމުން ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 57 މެންބަރުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މި މައްސަލައިގައި ބުނެފައިވަނީ އައްޑޫ ސިޓީގައި “ނިވިދިއްލޭ ބޮތްކެއް” ފަދައިން ކަރަންޓު ކެނޑެމުންދާތީ އެކަމުގެ އުނދަގޫތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮތުން، މުއައްސަސާތަކާއި އޮފީސްތަކުގެ އިތުރުން އެހެނިހެން އިދާރާތަކުން ވެސް ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން މާ ބޮޑު މަސައްކަތެއް ކުރާތަން ނުފެންނަކަން ފާހަގަކޮށް ނާޒިލު ވިދާޅުވީ މި ސަރުކާރަށް ހަތް މަސް ދުވަސްވެގެން ދިޔައިރު އެންމެ ކުޑަމިނުން އެކަން ހައްލުކުރަން އިސްކޫރެއްހާ ހިސާބު ވެސް ފޮނުވާފައިނުވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ވަހަކަދައްކަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، މިއީ އިއްޔެއަކު މިއަދަކު އޮތް މައްސަލައެއް ނޫން ކަމަށެވެ. އެއީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރުން ފެށިގެން ދިމާވަމުންދާ މައްސަލައެއް ކަމަށެވެ.