English Edition
Dhivehi Edition

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ރާއްޖޭގައި ކުރިއަށް ގެންދާ ތިންވަނަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯ 400 އަށް ވުރެ ގިނަ ބައިވެރިންނާ އެކު އިއްޔެ ފަށައިފިއެވެ.

ގައުމީ ޔުނިވަރސިޓީގައި، ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގެ މައިގަނޑު ތީމަކީ “ކްރިއޭޓިން ވެލިއު އެންޑް ލާރނިން ދި އޮގަނައިޒޭޝަން” އެވެ. މި ކޮންވެންޝަންގައި ރާއްޖޭގެ ގިނަ މުއައްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ވަކިވަކި ފަރުދުން ވެސް ވަނީ ބައިވެރިވެފައެވެ.

އިއްޔެ ހެނދުނު ފެށި މި ކޮންވެންޝަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ ރަނގަޅު ވެރިންނަކީ މުވައްޒަފުންނަށް އެމީހުންގެ ވަޒީފާގެ ޒިންމާތަކާ ޢާއިލީ ޒިންމާތައް ހަމަހަމަ ގޮތެއްގައި އަދާކުރުމަށް މަގުފަހިވާ ގޮތަށް ފްލެކްސީ ޓައިމްއާ ގޭގައި ހުރެ މަސައްކަތްކުރުން ފަދަ ލުއިފަސޭހަތައް ހޯދައިދިނުމަށް ބާރުއަޅައި މަސައްކަތްކުރާ ފަރާތްތައް ކަމުގައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އޮފީސްތަކުގެ ވެރިންނާއި ހިއުމަންރިސޯސް ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކުން، މުވައްޒަފުންނަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، މަސައްކަތުގެ މާހަލުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ހަމަހަމަކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުންނެވެ.

ދުނިޔޭގެ ފެންވަރުގެ ގިނަ ސްޕީކާސް ތަކެއް ބައިވެރިވާ މި ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފަރާތަކުން ދެއްވުމަށް ހަމަޖެހިފައިވާއިރު ސެޝަންތަކުގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް އާއި ގުޅުންހުރި ސެޝަންތަކާއި އެޗްއާރ ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމާއި، ވަޒީފާގެ މާހައުލަށް ގެނެވޭ ބަދަލުތަކުގައި އެޗް އާރ ލީޑަރުންގެ ދައުރާއި، ވަޒީފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ޑާޓާ އެނާލެޓިކްސް އަދި ފަހުގެ އެޗްއާރ ޓްރެންޑްސް ތަކާއި ގުޅޭގޮތުން ސެޝަންތައް ހުށަހެޅިގެންދާނެއެވެ.

މި ކޮންވެންޝަންގައި ޓެޑެކްސް ސްޕީކާސް ގެ އިތުރުން ފޯބް ރިކޮކްނައިޒްޑް އޮންޓޮޕްރިނުއާސް، ފީފަލް ޕްރޮފެޝަނަލް އެކްސްޕާޓްސް ، އެކިއެކި ދާއިރާތަކުގައި މަސައަކަތްކުރާ ހިއުމަން ރިސޯސް ލީޑާސް އަދި އެކްސްޕާޓްސް ބައިވެރިވެއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ފަސް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން މިޖަމިއްޔާއިން މިދިޔައަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ ދެވަނަ އިވެންޓްގެއިތުރުން ދެވަނަ އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ހިމެނެއެވެ.