English Edition
Dhivehi Edition
މަސްތުވާ ތަކެތި ފައިލް ފޮޓޯ /ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދުއާއި ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ އެ އޮޕަރޭޝަންތަކުގެ ތެރެއިން މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިލަންދޫ ޕޮލިސް ސްޓޭޝަނުން މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 38 އަހަރުގެ ފިރިހެނަކު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.