English Edition
Dhivehi Edition

ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން ބޯޓުގެ ކެޕްޓަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.

“މުތާ ޑައިމަންޑް” ނަމަކަށް ކިޔާ މި ބޯޓުގެ ކެޕްޓަނަކަށް ހުރީ ނަސްވަން އަދީލް ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ އިންޑޮނޭޝިއާގެ ރައްޔިތެކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނީ މި މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނީ ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މާޗު 21 ވަނަ ދުވަހުގެ ރޭ މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ހަތް ކިލޯ އަށް ވުރެ ގިނަ ތަކެތި ހޯދި އެވެ. އެ މައްސަލައިގައި 10 މީހުން ހައްޔަރުކުރި އެވެ.

އެދުވަހު ފުލުހުން ހައްޔަރުކުރި 10 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހުގެ ބަންދު މުއްދަތެކެވެ. ބާކީ ފަސް މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެންމެ ދުވަހަކަށެވެ.

ކޯޓުގައި ފުލުހުން ބުނީ ބޯޓުގެ އިންޖީނު ރޫމްގެ ވަތެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތް ޝީޓު ފެނިފައިވާ ކަމަށާއި އެ ތަކެތި ޓެޓްރާހައިޑްރޯކެނަބިލް އަދި ކެނަބިލޯއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަސްވާނަކީ ބޯޓުގެ ކެޕްޓަނަށް ވުމާއި އެ ތަކެތީގެ ޒިންމާ އެހެން މީހަކު ނުނަގާ ހާލަތުގައި މަސްތުވާތަކެއްޗަށް ޒިންމާ ނަގަން ޖެހޭނީ ނަސްވާން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަމުރުގައި ވެއެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 6.5 ކިލޯ ގްރާމް ހުރިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.