English Edition
Dhivehi Edition

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓްގެ ކައިވެނި އެންމެ ފަހުން, މިއަދު މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދާނެއެވެ.

މި ކައިވެނީގެ ކުރިން ބޭއްވި ހަފްލާތައް ފެށިގެން އައީ ޖަމްނަގަރުގައި ބޭއްވި ގްރޭންޑް ބެޝްއަކުންނެވެ. މި ހަފްލާގައި ބިލް ގޭޓްސް، މާކް ޒުކަބާގް، އަދި އިވާންކާ ޓްރަމްޕް ފަދަ ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވިއިރު މި ހަފްލާގެ ހައިލައިޓަކީ ރިހާނާގެ ޕާފޯމަންސެވެ. އޭނާގެ އެންމެ ހިޓް ލަވަތަކުން ހަފްލާ އިތުރަށް ފޯރިގަދަވެ، ފުރިހަމަކަމެއް ގެނެސްދިނެވެ.

މި ހަފްލާއަށްފަހު ކައިވެނީގެ ކުރިން ބޭއްވި ދެވަނަ ހަފްލާގެ ސެލެބްރޭޝަން އޮތީ އިޓަލީގައެވެ. މި ހަފްލާގައި އަމްބާނީގެ އާއިލާއިން ވަނީ މެހެމާނުންނަށް ލަގްޒަރީ ކްރޫޒެއް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދަދީފައެވެ. ކައިވެނީގެ ފައިނަލް ކައުންޓްޑައުން ފެށީ މިދިޔަ ހަފްތާގައި ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު (އެންއެމްއޭސީސީ) ގައި ބޭއްވި ޝަރަފުވެރި ‘ސަންގީތު’ ހަފްލާއަކުންނެވެ. ޖަސްޓިން ބީބާ ހާއްސަ ޝޯއާއެކު ކުރިއަށް ދިޔަ މި ހަފްލައަކީ ފޯރިގަދަ ހަފްލާއެކެވެ. ކައިވެނީގެ ކުރިން އަމްބާނީ އާއިލާއިން ވަނީ ސަގާފީ ހަރަކާތްތަކެއް ބާއްވާފައެވެ.

މިއަދު ބާއްވާ ކައިވެނީގެ ހަފްލާގެ ގެސްޓް ލިސްޓުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން، ރަންވީރު ސިންގް، ދީޕިކާ ޕަދުކޯން، އާމިރު ޚާން، ޖާންވީ ކަޕޫރު، އާލިއާ ބަޓް، އަނަންޔާ ޕަންޑޭ، ރަންބީރު ކަޕޫރު، ވިކީ ކައުޝަލް، ކެޓްރީނާ ކައިފް، އަމީތާބް ބައްޗަން، އަދި އައިޝްވާރިޔާ ރާއީ ބައްޗަން އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މަޝްހޫރު ތަރިން ކަމަށްވާ ކިމް ކާޑޭޝިއަން، ކްލޯއީ ކާޑޭޝިއަން، މައިކް ޓައިސަން، ޖޯން ސީނާ، ޑޭވިޑް ބެކަމް، އަދި އެޑެލް ވެސް ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

އަމްބާނީގެ މި ކައިވެންޏަކީ މި ގަރުނުގެ ބޮޑު ކައިވެނިކަމުގައި ގިނަ ބަޔަކު ބުނަމުން އަންނައިރު، މި ކައިވެނީގެ ހަފްލާއަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.