ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށައިފިއެވެ.
އިއްޔެއިން ފެށިގެން ބުރާސްފަތި ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ކުރިއަށް ދަނީ ކުރުނބާ މޯލްޑިވްސްގައެވެ. މި ކޮންގްރެސް ގައި ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ،
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގަައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންގްރެސްއަށް ވަޑައިގެންނަވާ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ހާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި އިއްޔެ ހަވީރު ކުރިއަށް ގެންގޮސްފައިވާއިރު ނެޓްވޯކިންގެ ހާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެއެވެ. އަދި ގޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާ ސާވިސް ވޯލްޑް ކޮންގްރެސް އާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެން ގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެކަމަށެވެ. މިއާއިއެކު މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާ އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އިތުރަށް އެމްއޭސީއެލްއިން ބުނީ ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއިއެކު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ހާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފައެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، މިހާރު ތަރައްގީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެއެވެ.