English Edition
Dhivehi Edition

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕައެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ކެނެޑާއާއި ދެކޮޅަށް ކުޅޭ މެޗަށް ކެޕްޓަން ލިއޮނެލް މެސީ މުޅިން ފިޓް ކަމަށާއި އެ މެޗުގައި މެސީ ކުޅޭނެކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ކެނެޑާއާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ ސެމީފައިނަލް މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ސްކަލޯނީ ބުނީ ޕެރޫމާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ ނުފެނުނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވުމުން ކަމަށާއި ނަމަވެސް މިހާރު އެ އަނިޔާއިން މުޅިން ރަނގަޅުވެ، މެސީ ހުރީ މުޅިން ފިޓްވެފައިކަމަށެވެ. އަދި ސެމީ ފައިނަލުގައި ކެނެޑާއާއި ދެކޮޅަށް މެސީ ކުޅޭނެކަމަށް ސްކަލޯނީ ބުންޏެވެ.

އޭނާ ބުނީ ކެނެޑާ މެޗަށް މެސީ ވަރަށް މުހިންމުކަމަށާއި، އެއީ ކޮންމެހެންވެސް މޮޅުވަން ޖެހޭ މެޗަކަށް ވުމުން މެސީގެ ދައުރު އެ މެޗުގައި ބޮޑުވާނޭކަމަށެވެ. އަދި މި މުބާރާތުގައި މިހާތަނަށް މެސީގެ ފަރާތުން ލަނޑެއް ފެނިފައި ނުވިނަމަވެސް މިރޭގެ މެޗުގައި އޭނާގާފަރާތުން ލަނޑެއް ފެންނާނޭކަމުގެ އުންމީދު ބޮޑުކަމަށް ސްކަލޯނީ ބުންޏެވެ.

” ކެނެޑާ މެޗަށް މެސީ ވަރަށް މުހިންމު. އެ މެޗުގައި މެސީ ކުޅޭނެ. އޭނާ މިހާރު ހުރީ މުޅިން ފިޓްކޮށް.” ސްކަލޯނީ ބުންޏެވެ.

މުބާރާތުގެ ސެމީއާއި ހަމައަށް އައި އިރު، މިހާތަނަށް މެސީގެ ފަރާތުން ލަނޑެއް ފެނިފަނުވެއެވެ. ނަމަވެސް މިރޭގެ މެޗުގައި މެސީގެ ފަރާތުން ލަނޑެއް ފެނިގެން ހިނގައިދާނެކަމަށް ކޯޗު ވަނީ ބުނެފައެވެ.