English Edition
Dhivehi Edition

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، އޮތީ ހަމައެކަނި ދައުލަތުގެ ތޮށިގަނޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރި އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުން ރައްޔިތުންނަށް ހައްގުވާ ފައިސާ ނުދޭ ކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދު ދެެއްވަމުން ޝުޖާއު ވިދާޅުވީ އެ ވަރުގެ ބޮޑެތި ދޮގު ހަދާއިރުގައި ކޮންމެވެސް ވަރެއްގެ ލަދުހަޔާތެއް ހުންނާންވާނެ ކަމަށާއި މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އޮތީ ހަމައެކަނި ދައުލަތުގެ ތޮށިގަނޑު ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ނުކުރިނަމަ މިއަދު ގައުމު އޮންނާނީ ބަނގުރޫޓް ވެ، ބޭންކްރަޕްސީ އިއުލާންކޮށްފައިކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ވެރިކަން ކުރީ ފައިސާ ޗާޕް ކޮށްގެންކަމަށާއި ސިޔާސީގޮތުން މުސާރަތައް ބޮޑުކޮށް ކުޅުނު ނާޗަރަންގީން ބޯފެންކޮޅު އިހު ހުރި އަގުގައި ރައްޔިތަކަށް ގަންނަންވެސް ނުލިބޭކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ހަރަދު ކުޑަކުރަން ޖެހިގެން އުޅެނީ މި ސަރުކާރުން ކުރި ހޭދަތަކުގެ ސަބަބުން ނޫން ކަމަށާއި އެއީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ މާލިއްޔަތައް ހިތުހުރި ގޮތެއް ހަދައި، ޓެކްސް ބޮޑުކޮށް ލިބުނު އާމްދަނީ އަށްވުރެ ބޮޑު ހޭދައެއްކޮށް، ކުންފުނިތަކުން އިސްރާފް ބޮޑުކުރުމުގެ ނަތީޖާ ކަމަށެވެ.

އަދި ދިވެހީން ކުރި ބުރަ މަސައްކަތުން ގައުމު ސަލާމަތް ނުވިނަމަ ދަރިންނާއިއެކު ޓީވީ ބަލަން ދިވެހީން ތިއްބައި ގެއިން ކެނޑޭނީ ކަރަންޓްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.