English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރމުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

 

ރާއްޖޭގެ ޤައުމީ ޤުރްއާން މުބާރާތަކީ ރަށްރަށާއި ސިޓީ ތަކާއި އަދި އަތޮޅުތަކުގެ މެދުގައި ވާދަކޮށްގެން ހޮވާލެވޭ މަދު ކުދިންތަކެއްގެ މެދުގައި ބާއްވާ މުބާރާތަކަށް ހަދަންޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި މުބާރާތަކީ ގައުމީ ފެންވަރުގައި ހިންގޭ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތްކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާއިރު މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތާނގައި މުބާރާތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައިކަމުގައިވިއަސް މުބާރާތް ހިންގާގޮތަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގުމަށް ހާއްސަ ބިނާއެއް މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޤާއިމްކުރައްވާނެކަމަށްވެސް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްކަމަށެވެ. އަދި އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ހިނގަމުން ދަނީ ކިންގް ސަލްމާން މިސްކިތުގައިކަމަށްވިޔަސް މި ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމަށް ޚާއްސަ ބިނާއެއް ގާއިމް ކުރައްވާނެކަމަށެވެ.

ގައުމީ ފެންވަރުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރްއާން މުބާރާތް އާދީއްތަ ދުވަހުވަނީ ފަށާފައެވެ.

މި މުބާރާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން މާލެއާއި އަތޮޅުތަކުން ހޮވާލެވޭ ކުދިންގެ މެދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި މިފަހަރު ޖުމްލަ 1029 ދަރިވަރުން ބައިވެރިވެއެވެ. 1981 ވަނަ އަހަރުން ފަށައިގެން ރާއްޖޭގައި ކީރިތި ގުރުއާން އާލާކުރުމުގެ މަޤުސަދުގައި ފަށާފައިވާ މި މުބާރާތުގައި ބަލައިގެން ކިޔުމުގެ ބައިން 590 ބައިވެރިވެރިންނާއި ނުބަލައި ކިޔެވުމުގެ ބައިގައި 430 ބައިވެރިންގެ އިތުރުން ހާފިޒުންގެ ބައިގައި 15 މީހުން ބައިވެރިވެއެވެ.

އެއީ 52 ސްކޫލުން 365 ދަރިވަރުންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ.

މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށްކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ހޯލްގަ އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގަ އެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގަ އެވެ.

ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު 3 ދަންފަޅިއަށެވެ. އެއީ:

  • ހެނދުނު 8:00 އިން 12:00 އަށް
  • ހަވީރު 16:00 އިން 18:00
  • ރޭގަނޑު 20:00 އިން 10:30 އަށް

ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުކަމަށް މަރުކަޒުން ބުނެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒުން ބުނީ މިއަހަރުގެ މުބާރާތް ރާވާފައިވަނީ ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭ ގޮތަށްކަމަށެވެ. އަދި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނަ ވެސް މިފަހަރު، އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާކަންވެސް އެ މަރުކަޒުން ފާހަގަކުރެއެވެ.

މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 7 ވާ އާދީއްތަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ގާރީންނާއި ހާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ގުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.