English Edition
Dhivehi Edition

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ނޭވާލާން އުނދަގޫވެގެން އޭޑީކޭ ހޮސްޕިޓަލަށްގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ދިޔަ، 38 އަހަރުގެ ބަކާ ރާއްޖެ އައީ މީގެ 3 ދުވަސް ކުރިންނެވެ. ހައްޖުން އައިއިރު ވެސް ބަކާ ހުރީ ބަލިކޮށް ކަމަށް އާއިލާއިން ބުނެއެވެ.

އައްޑޫ ސިޓީ، ހިތަދޫ އަށް އުފަން ބަކާގެ ހާލު ގޯސްވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ފުޓުބޯޅައިގައި ބަކާ ވިދަން ފެށީ އަމިއްލަ ރަށުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީންނެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައި 2004 ގައެވެ.

ބަކާވަނީ ކެރިއަރުގެ ކުރީ ކޮޅުގައި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ.