English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބަރާތުގައި ހޯމަ ދުވަހުގެ ރޭ ކްރޮއޭޝިއާއި އިޓަލީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޗެންޕިއަން އިޓަލީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ކްރޮއޭޝިއާ އިން ކުޅުނު ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ސްޕެއިން އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އަލްބޭނިއާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

އަދި މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން އިޓާލީ މުބަރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން އަލްބޭނިއާ އަތުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ސްޕެއިން އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ކްރޮއޭޝިއާއިންނެވެ. އެގޮތުން މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ލޫކާ ސުސިޗް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ އިޓަލީގެ ކީޕަރު ޑޮނަރުމާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި އިޓަލީ ޓީމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު އަލްސަންޑްރޯ ބަސްޓޯނީ އަށެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކްރިއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިޓަލީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ 54 ވަނަ މިނެޓުގައި އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުފައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ދީފައެވެ. އަދި އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗު ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ޕެނަލްޓީ ނާކިޔާބުވިނަމަވެސް ޖެހިގެންއައި މިނެޓުގައި މޮޑްރިޗް ވަނީ ލަނޑެއް ކާމިޔާބުކޮށް ކްރޮއޭޝިއާއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު އުމުރުން 38 އަހަރުގެ މޮޑްރިޗު ވެގެންގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރިޚްގައި ލަނޑުޖެހި އެންނެ ދޮށީ ކުޅުންތެރިއާއަށެވެ.

މިލަނޑާއެކު 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް އިޓަލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރުއެއްގެ ގޮތުގައި ކުޅެންނިކުތް ޒުވާން ފޯވާޑް މަޓިއާ ޒަކަގްނީއެވެ. އަދި މިލަނޑާއެކު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މި ނަތީޖާއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އިޓަލީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.